ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގަތީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ނިކުމެގެންކަމަށް ދެކެވޭ ވާހަކަތަކީ އެއްވެސް ވަރަކަށް ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގައި އިންތިޚާބު ވުމަށްފަހު ރިޔާޒު ވަނީ މިހާރު، އެޕާޓީން ވަކިވެ އަލަށް އުފައްދާ އެމްއެންޕީއާއި ގުޅިވަޑައިގެންފައެވެ. އެޕާޓީއަކީ ރިޔާޒާއި، ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް އިސްކޮށް ތިއްބަވައިގެން އުފައްދާ ޕާޓީއެކެވެ. ޖުމްހޫރީ ޕާޓީން ރިޔާޒު ވަކިވުމާއި ގުޅިގެން ޤާސިމް ވަނީ ޕާޓީއަށް ހަރާން ކޯރުވީކަމަށެވެ. ޤާސިމްގެ ވާހަތަކާއި ގުޅިގެން ރޭ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި، ރިޔާޒު ވިދާޅުވީ ޤާސިމްއަކީ އޭނާ ވަރަށް އިޚުތުރާމުކުރާ ބޭފުޅެއްކަމަށެވެ. އަދި ޤާސިމަށް ސިޔާސީ ރައްދުދީ ހެދުމަކީ އެއްގޮތަކަށް ކުރަން ބޭނުންވާ ކަމެއްނޫންކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލިސް ގޮޑިއަށް ހޮވި ވަޑައިގަތީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ނިކުމެގެންކަމަށް ދައްކާ ވާހަކަތަކަކީ މުޅިއަކުން ރަނގަޅު ވާހަތަކެއް ނޫންކަމަށެވެ. އިންތިޚާބުގައި ރައްޔިތުން ވޯޓުދޭއިރު، ވޯޓެދެނީ ކާކަށްތޯއާއި، އެމީހާގެ ޚިދުމަތަށްވެސް ބަލާނެކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރުގެ މަޖިލީހަށްވެސް އަދި ކުރިން ފަހަރު މަޖިލީހަށް އިންތިޚާބުވިއިރުވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށެވެ. އޭގެ ތެރޭގައި ޤާސިމްގެ ނަން އޭނާ ވަނީ ވަކިން ފާހަގަ ކުރައްވާފައެވެ. އޭގެ އިރުރުން ރައީސް ޞާލިހާއި، އަދި ކުރީގެ ވެރިކަމުގައި އިންތިޚާބުވިއިރު ކުރީގެ ސަރުކާރުގެ އެހީތެރިކަންވެސް ލިބުނުކަމަށެވެ.
އަޅުގަނޑު އޮނަރަބަލް ޤާސިމް އިބްރާހިމް އަށް ރައްދެއް ދެއްވަން ބޭނުމެއްވެސް ނޫން. އަޅުގަނޑު ވަރަށް އިޚުތިރާމް ކުރައްވާ ބޭފުޅެއް އެބޭފުޅާއަކީ. އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައި ގަންނަވާނެހެން އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރީ، ކޮންމެހެން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނިކުމެގެން ނޫންކަން. އަޅުގަނޑުގެ މިދިޔަ 5 އަހަރުގެވެސް މަޖިލީހުގެ ޓްރެކް ރެކޯޑް އެބައޮތް. އެހުރިހާކަމަށް ބަލާފަ، އަޅުގަނޑަކީ ކާކުކަން، ޤައުމަށް ކިހިނެތް ކިހާ ޚިދުމަތެއް ދީފައި އޮތް މީހެއްކަންވެސް ބަލާފަ. މިކަހަލަ ބައިވަރު ސަބަބުތަކަށްޓަކައި ރައްޔިތުން ވޯޓުދިނީ. ރައީސް ޞާލިހުގެ ފުރިހަމަ އެހީތެރިކަންވެސް ލިބިގެން ހޮވިފައިވަނީ. މަޖިލީހަށް ހޮނުވީ ވަކި ޓިކެޓެއްގައި ނިކުމެގެން ކަމަށް ގަބޫލެއް ނުކުރައްވަން.
– ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީން ނިކުމެ ޕާޓީއެއް ހަދަން ޖެހުނީ ޖުމްހޫރީ ޕާޓީގައި ސިޔާސީ އެއްވެސް ހަރަކާތެއް ނުހިގައި، ޤައުމީ ކަންކަމުގައިވެސް ޕާޓީގެ ހަރަކާތެއް ނެތުމުންކަމަށެވެ. ޖުމްހޫރީ ޕާޓީ ސިޔާސީ ވަރުގަދަ ޕާޓީއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެކަންކަމުގެ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި މިއަދު ޕާޓީއެއް ހެދުމަށް ކުރެވޭ މަސައްކަތަކީ ޤައުމަށް ޚިދުމަތް ކުރުމަށް އޮތް ފުރުސަތުގެ ބޭނުން ކުރުމަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތުގައި އުޅޭނަމަ ސިޔާސީ ގޮތުން ޤައުމަށް ޚިދުމަތް ކުރެވެންޖެހޭ. މިހެން އޮތުމުން ޤައުމަށް ޚިދުމަތް ކޮށްދެވޭނެ މަގެއް ހޯދުމަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، ޤައުމީ ވިސްނުމުގައި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތައް ރަނގަޅު ކަންކަން ހާސިލް ކުރުމަކީ އަބަދުވެސް އަޒުމު.
– ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވަނީ މިހާރު އުފެއްދުމަށް މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ މުސްތަގުބަލާއި ގުޅޭގޮންވެސް ވާހަކަ ދައްކަވާފައެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުންކަމަށް ރިޔާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ