އުޤައިލް ކުރިމަތިލާތީ ތެޅިފޮޅޭ ސަބަބެއް ނުވިސްނޭ، ކިޔަވާ މޮޅުވިޔަސް ސަލާމަތެއްނެތް: މޫސަ

އުޤައިލް ކުރިމަތިލާތީ ތެޅިފޮޅޭ ސަބަބެއް ނުވިސްނޭ، ކިޔަވާ މޮޅުވިޔަސް ސަލާމަތެއްނެތް: މޫސަ

Author
މުޙައްމަދު ޝަޒައިމް
11 އޮގަސްޓް 2021 10:06
0

2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ޕްރޮފެސަރު އުގައިލް، ކުރެއްވުމުން ބައެއް ސިޔާސީ ބޭފުޅުން އެކަމާއި ތެޅި ފޮޅޭ ސަބަބެއް ނުވިސްނޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫނާ މަނިކު ވިދާޅުވެއްޖެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތައް ފެތުރުނު އުގައިލް ވިދާޅުވީ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ބަދަލުތަކެއް ފެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު، އެ ބަދަލުތައް ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އުގައިލް ކުރިމަތިލައްވާނެކަމުގެ އިޝަރާތެއް ކުރެއްވުމުން ސިޔާސީ ބޭފުޅުންގެ ތެރެއިން ކުރީގެ ބަންޑާރަ ނާއިބް ދިޔާނާ ސައީދުއާއި، އަލްހާން ފަހުމީ ފަދަ ބޭފުޅުންގެ ފާޑުކިޔުން ވަނީ އުގައިލްއަށް އަމާޒުވެފައެވެ. މިފާޑުކިޔުންތަކާއި ގުޅިގެން މޫސަ ވިދާޅުވީ ޤާނޫނު އަސާސީގައި ރައީސްކަމަށް ކުރިމަތިލެވޭ ޝަރުތު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައީސް ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އޮތްކަމަށެވެ.

ދިޔާނާ، އުގައިލްއަށް: ފުރަތަމަ ރާއްޖެއަށް އެކަށޭނަ ޚިދުމަތެއް ކޮށްދެއްވާ

އެކަމަކީ ވަކި މީހަކަށް ވުމުން، ނުވަތަ ވަކި މީހެއްގެ ތާއީދު އޮތުމުން އޮތްކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ބައެއް ބޭފުޅުންނަށް ތައުލީމީ ގޮތުން ކިތަންމެ މައްޗަށް ދިޔަ ނަމަވެސް އެކަންވެސް ކަމުނުދާ ކަމަށެވެ.

ޕްރޮފެސަރ އުގައިލް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކަހަލަ އިޝާރާތެއް ކުރެއްވީމަ ސިޔާސީ ބައެއް ބޭފުޅުން ތެޅިފޮޅިގަނެގެން މިއުޅެނީކީއްވެތަ؟ ޤާނޫނު އަސާސީގެ ޝަރުތު ހަމަވެފަ، ރައްޔަތުން ތާއީދު ކުރާނެކަމުގެ ޔަޤީންކަން އޮތިއްޔާ ކޮންމެ މީހަކަށްވެސް އޮތްޙައްޤެއްނު؟ ކިޔަވާމޮޅުވިޔަސް ސަލާމަތެއްނެތް؟

– މޫސަ ވިދަޅުވިއެވެ.

ރާއްޖޭގައި މިވަގުތު ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދޭނީ ސިޔާސީ މަގުން ކަމަށާއި ސިޔާސީ ދާއިރާއަށް އިލްމީ ގާބިލް މީހުން ނުކުންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށްވެސް އުގައިލު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވާނަމަ، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ތައްޔާރަށް ހުންނެވިކަމަށާއި ސިޔާސީ މަސައްކަތް ކުރުމަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް ދިރިއުޅުއްވަނީ އެގައުމުގައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހާއި އެހެނިހެން ދާއިރާތަކުން ހިނގާ ގިނަކަންކަމުގައި އޭނާ ގެންދަވަނީ ސޯޝަލްމީޑިއާގައި ވަރަށް ފާޅުކަންބޮޑުކޮށް ހިޔާލު ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންސަފާ
ތެޅިފޮޅެނީ މޫސަމެން ރައީސް ކަމަށް ގެންނަ މީހުން ފެއިލް ވާތީ. ޤައުމު ބިކަވެ ރައްޔިތހުނ ގަނަ ތެޅެން ޖެހޭތީ
ހ ހެޔޮވިސްނޭ
އުގޭލުއަށްވެސް އޮތް ޙައްގެއްގެ ބޭނުން ކުރަނީ. ކޮބާ މައްސަލަޔަކީ. ރިސޯޓް ހިންގާ މީހުންނާއި ވިޔަފާރިވެރިންނާ، މަޤުމަތީ ހަޅޭލަވަމުން ދުވާ މީހުންނަށް އެކަނިތަ ރައީސްކަން ކުރެވޭނީ.