ކުޅުދުއްފުށި ސިޓީ އާއި ދިއްދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ.
ކޯވީޑްގެ ސަބަބުން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ހއ. ދިއްދޫ މޮނިޓަރިންއަށް ލާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އޭގެފަހުން ނެގި ބައެއް ރެންޑަމް ސާމްޕަލްވެސް އެސިޓީން ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް މޮނިޓަރިން ހާލަތުން ނަގާފައި ވަނީ ކުރިއަށް އޮތް 7 ދުވަސްތެރޭ ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމް ނެގުމަށް އަންގާފައެވެ.
ދިއްދޫ މޮނިޓަރިންގެ ހާލަތައް ގެނައީ ޖުލައި މަހުގެ 26 ވަނަ ދުވަހު އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިއަދާއި ހަމައަށް އެރަށުން 27 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މޮނިޓަރިން ހާލަތުން ނަގާފައި ވަނީ ކުރިއަށް އޮތް 7 ދުވަސްތެރޭ ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމް ނެގުމަށާއި އާބާދީގެ 60 އިންސައްތައަށް ކޯވިޑް ވެކްސިން ދެވެންދެން ރަށުން ފުރާ އެންމެން ސާމްޕަލް ނެގުމަށް އެންގުމަށްފަހު އެވެ.
މޮނިޓަރިން އުވާލި ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޯވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.