ތަޢުލީމުގެ ގާނޫނަށް ޢަމަލުކުރަން މިއަދު ފަށައިފިއެވެ.
މިއީ ރާއްޖޭގައި ތަންފީޒު ކުރެވޭ އެންމެ ފުރަތަމަ ތަޢުލީމުގެ ގާނޫނެވެ.
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނުނެވެ.
މިއަދު މި ގާނޫނަށް ޢަމަލު ކުރަންފެށުމާއި ގުޅިގެން، މި ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާމެދު ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި، މި ގާނޫނުގެ ހާޑްކޮޕީ ނެރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ކޮޕީ ނެރެދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އެވެ. މި ހަފްލާގައި ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިން ވަރޗުއަލްކޮށް ބައިވެރި ވެ ވަޑައިގެންނެވިއެވެ.
ތަޢުލީމުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއި ގުޅިގެން ބޭއްވި ޚާއްޞަ ޙަފްލާ. މި ޙަފްލާގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ތަޢުލީމުގެ ޤާނޫނުގެ ހާޑްކޮޕީ ނެރެދެއްވާފައި. pic.twitter.com/vAImSaUqTB
— Ministry of Education (@MoEdumv) August 10, 2021
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމަޢަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.
މިގާނޫނުގެ ދަށުން ކަނޑައެޅޭ ތަޢުލީމީ ސިޔާސަތު ތަކުގެތެރެއިން ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ޤާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ މަސްއޫލިއްޔަތެކެވެ.