ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް: އައިޝަތު އަލީ

ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް: އައިޝަތު އަލީ

ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށާއި، މިއީ މުޅިން އާ ފެށުމެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދޮޅު އަހަރުގެ މެދު ކެނޑުމަކަށްފަހު ސްކޫލުތަކަށް ދަރިވަރުން ގޮސް ތައުލީމް ހާސިލް ކުރަން މިއަދު ވަނި ފަށާފައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެންދިޔައިރު، މިކަމުގެ ހިތްހަމަޖެހުން އެތަައްބަޔަކަށް ވަނީ ލިބިގެން ގޮސްފައެވެ. ޚާއްސަކޮށް، ދަރިވަރުންނާއި، ބެލެވެރިންނާއި، ޓީޗަރުންނަށް މިފެށިގެން ދިޔަ އަހަރަކީ އުންމީދީ އަހަރަކަށް ހެދުމަށް މަސައްކަތް ކުރާނެކަމީ ކަށަވަރު ކަމެކެވެ.

ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އައިޝަތު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިފެށުނު ދިރާސީ އަހަރަކީ އުންމީދީ ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށެވެ. މި ހުޅުވާލެވޭ ދޮރޯއްޓަކީ ތައުލީމީ ހަޔާތުގައި ކުލަ ޖެއްސުމަށް ހުޅުވާލެވިގެންދިޔަ ދޮރޯއްޓެއް ކަމުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ. މި ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ވެގެން ދިއުމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

މިއީ އާ ފެށުމެއް. އުޖާލާ އާ އަހަރެއް. ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް. މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން. ދޫނުކޮށް، އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު. މި ދިރާސީ އަހަރަކީ އަޅުގަނޑުމެންނަށް ފެހި، ފަހި ފާގަތި އަހަރެއް ކަމުގައި ލައްވާށި!

– މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ދިރާސީ އާ އަހަރަށް ތަޢުލީމީ ދާއިރާގައި ތިބި އެންމެން ތިބީ ތައްޔާރަށެވެ. ދަރިވަރުން ސްކޫލަށްދިޔައިރު ކޯވިޑް އާ ގުޅިގެން ސްކޫލު ދޮރާށިން ވައްދަނީ ކުދިންގެ ހުން ބަލައި ސެނިޓައިޒްކުރުމަށް ފަހުގައެވެ. ކުރިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ޖެހިޖެހިގެން ތިބި ނަމަވެސް މިހާރު ކޮންމެ ދަރިވަރެއްގެ ދެމެދުގައި ތިން ވަރަކަށް ފޫޓުގެ ދުރުމިނެއް ބަހައްޓާނެއެވެ. ނަމަވެސް ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވަނީ މުދައްރިސުންނާއި ބައްދަލުވެ ސްކޫލް މާހައުލުން ކިޔަވަން ފުރުޞަތު ލިބުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *