ޖަރުމަން ކަޕުގެ ފުރަތަމަ މެޗުގައި ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހެދި ހެޓްރިކާއެކު، ޖަރުމަނުގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ވޭން ވިސްބާޑެން އަތުން އެންމެ ފަހުގެ ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
މެޗުން ޑޯޓްމުންޑް މޮޅުވީ 3-0 ލަނޑުންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކެޕްޓަން މާކޯ ރެއުސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑްއެވެ. އަދި އޭގެ ފަަސް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ.
އޭރިއާ ތެރެއިން ހާލަންޑަށް ވޭން ވިސްބާޑެންގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގެ ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. މި ލަނޑު ހާލަންޑް ކާމިޔާބުކުރީ ޖިއޮވާނީ ރޭނާ ދިން ޕާހަކުންނެވެ.
މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.