މާލޭ ސިޓީ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު ހޮވާ، މާލޭގެ ހަ އަވަށް ހިންގަން އަވަށު ބޯޑުތައް އެކުލަވައިލަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ކަނޑައެޅޭ ބްލޮކް ވެރިންނަކީ މުސާރަލިބޭ މަޤާމެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިޒު މިހެން ވިދާޅުވެފައިވަނީ ބްލޮކްތަކުގެ ވެރިން ކަނޑައެޅުމަށް ކޮށްފައިވާ އިއުލާނާއި ގުޅިގެން ބައެެއް ބޭގުޅުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުންކަމަށް ބެލެވެއެވެ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބްލޮކް ވެރިންނަކީ ރައްޔިތުންނާއި ވީހާވެސްގާތުން ޚިދުމަތް ދިނުމަށްޓަކައި، ބްލޮކްގެ ރައްޔިތުން ހޮވާ އެ ބްލޮކްގައި ދިރިއުޅޭފަރާތެެއްކަމަށެވެ.
ބްލޮކްވެރިންނަކީ މުސާރަލިބޭ މަޤާމެއްނޫން. ރައްޔިތުންނާއި ވީހާވެސްގާތުން ޚިދުމަތް ދިނުމަށްޓަކައި، ބްލޮކްގެ ރައްޔިތުން ހޮވާ އެ ބްލޮކްގައި ދިރިއުޅޭފަރާތެެއް. ކައުންސިލަރާއި މޭޔަރަށް ބްލޮކްގެ ގޭގޭގެ ފަރާތުން އެންމެފަހުގެ މަޢުލޫމާތު އަވަސްކޮށް ޙިއްސާކުރުންފަދަ ކަންކަންކުރާނޭ ފަރާތެއް.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިހާރު ހަދާފައިވާ ގަވާއިދުގައި ބޮލްކް ވެރިން ހޮވާނެ ގޮތާއި ވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދި ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ކައުންސިލުން ހަދާފައިވާ ގަވާއިދު ގެޒެޓް ކޮށްދޭން އެދި މިއަދުގެ އެލްޖީއޭއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ގަވާއިދު ގެޒެޓްވުމުން ޖުލައި އެކެއްގައި ބްލޮކް ވެރިންނަށް ކުރިމަތިލާން ހުޅުވާލަން ވަނީ ނިންމާފައެވެ.
ބްލޮކް ވެރިން ހޮވަން ހަމަޖައްސާފައިވަނީ މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން ހޮވާ 18 ދާއިރާ އަށެވެ. ބްލޮކް ވެރިން މަސައްކަތް ކުރާނީ އެ ދާއިރާއެއްގެ ކައުންސިލަރާ ގުޅިގެންނެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ބްލޮކް ވެރިން މަސައްކަތް ކުރާނީ ހާއްސަ ހައިސިއްޔަތަކާއި ހާއްސަ "ޕްރިވިލެޖްތަކެއް" ވެސް ލިބިގެނެވެ. އެކަމަކު ބްލޮކް ވެރިންނަކީ ފަށާއިރު މުސާރައެއް ލިބޭ ބައެއް ނޫނެވެ. މުއިއްޒު ވިދާޅުވީ އިގްތިސޯދު ރަނގަޅުވުމުން އެ މީހުނަށް މުސާރައެއް ނުވަތަ އެލަވެންސެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ