އިންކުއަރީއަށް އަމަލުކުރާގޮތެއް ސާފުވެގެން، ނޫނީ ނަޝީދު ރާއްޖެއައުމަކީ ރުހޭ ކަމެއްނޫން: ހަސަން

އިންކުއަރީއަށް އަމަލުކުރާގޮތެއް ސާފުވެގެން، ނޫނީ ނަޝީދު ރާއްޖެއައުމަކީ ރުހޭ ކަމެއްނޫން: ހަސަން

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2021 01:51
0

އިންކުއަރީގެ ރިކޮމަންޑޭޝަންސް އަށް އަމަލުކުރަން ސަރުކާރުން ރާވަފައިވާ ގޮތެއް އެނގުމުން ނޫނީ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަަޝީދު ރާއްޖެއަކީ އައުމަކީ ރުހޭ ކަމެއް ނޫންކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ. ރައީސް ނަޝީދު އަންނަ މަހު ރާއްޖެއަށް އައުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން ހަސަން ވިދާޅުވީ އެއްގޮތަކަށްވެސް ރާއްޖެއަށް އަދި އައުން ރަނގަޅު ނޫންކަމަށެވެ. ރައީސް ނަޝީދު މަރާލަން ގޮއްވާލި ބޮމުގެ ހަމަލާގެ މައުލޫމާތު ކުރިންލިބި އެކަމަށް ފިޔަވަޅު ނޭޅުމަކީ ރާއްޖެއަށް އައުމާއިމެދު އިތުރަށް ވިސްނަންޖެހޭ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.

އަދި މަޖިލީހުން މިކަމާއި ގުޅޭ ވަރަށް ތަފްސީލީ ރިޕޯޓެއް ގިނަ ރިކޮމަންޑޭޝަންތަކާއިއެކު ހިމަނާފައިވާއިރު ސަރުކާރުން މިކަމުގައި އަމަލުކުރާ ގޮތެއް ސާފު ނުވަނީސް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އެއްގޮތަކަށްވެސް އެދޭ އަދި ރުހޭ ކަމެއްނޫންކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

އިންކުއަރީގެ ރިކޮމަންޑޭޝަންސް އަށް އަމަލުކުރަން ރާވަފައިވާ އެނގުނީމާ ނޫނީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަކީ އަޅުގަނޑު އެދޭނެ އަދި ރުހޭނެ ކަމެއްނޫން. ބޮން ގޮސްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައިހުރި ކަންކަމަށް، އަމަލުކޮށްފައިހުރި ގޮތުން މިގޮތަށް ދަންނަވަން ޖެހުނީ.

– ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދޭ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ. މިރިޕޯޓުގައި ރައީސް ނަޝީދަށް ޙަމަލާދިން ގޮތް ހިމެނުމުގެ ގޮތުން އެމަނިކުފާނުގެ ޕްރޮފައިލަކާއި، ތްރެޓް ލެވަލް އޮތް މިންވަރުގެ އިތުރުން ތްރެޓް ހިސްޓްރީއާއި، އިންކުއަރީން ބެލި ކަންކަން ވަނީ ހިމަނާފައެވެ.

އެގޮތުން ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަންހިނގާފައިވާ ގޮތާއި، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކާއި، ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާއި، ރައީސް ނަޝީދަށް ހަމަލާދިން ދުވަހު ކަންހިނގާފައިވާ ގޮތާއި، ހަމަލާދިނުމަށްފަހު ކަންހިނގާފައިވާގޮތާއި، އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލައާއި ގުޅޭ 4 ކަމަކާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި، އެމައުލޫމާތު ޙިއްސާކޮށްފައިވާ ކަންކަން މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ހުށަހެޅުންތަކަކީ ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑި އިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މައްސަޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.