މިއަދުން ފެށިގެން ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި ވެސް ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދޭން އެ ކޯޓުން ނިންމައިފިއެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން އެ ކޯޓުން އަންނަނީ އޮންލައިންކޮށް ކައިވެނި ކޮށްދެމުންނެވެ. އަދި ކޯޓުގައި ކައިވެނިކޮށް ދިނުން ބޭއްވީ ވަކި ދުވަސްތަކެއްގައެވެ.
ފެމެލީ ކޯޓުން ބުނެފައިވަނީ ކައިވެނިކޮށްދޭ ދުވަސްތަކާއި ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މާދަމާއިން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކުވެސް ކައިވެނި ކޮށްދޭނެއެވެ. ރަސްމީ އަދި ނުރަސްމީ ގަޑީގައި އޮންލައިންކޮށް ކައިވެނި ކޮށް ދިނުމުގެ އިތުރުން ކޯޓަށް ހާޒިރުވެގެން ކައިވެނި ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮންނާނެއެވެ.
ކޯޓްގައި ކައިވެނި ކުރެވޭ ރަސްމީ ގަޑިއަކީ ހެނދުނު 8:30 އިން މެންދުރު 1:30 ގައެވެ. އަދި ނުރަސްމީ ގަޑިއަކީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. މި ވަގުތުތަކުގައި އޮންލައިންކޮށާއި ކޯޓަށް ހާޒިރުވެގެންވެސް ކައިވެނި ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮމެންޓު ފޮނުވާ