ރިޟްވާން މައްސަލައިގާ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތަށް ރައީސް ޔާމީން އިންކާރު ކުރައްވައިފި

ރިޟްވާން މައްސަލައިގާ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތަށް ރައީސް ޔާމީން އިންކާރު ކުރައްވައިފި

Author
ޢަލީ އާދަމް
03 އޮގަސްޓް 2021 05:47
0

ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނަށް ރައީސް ޔާމީން މިއަދު ހާޒިރުކޮށްފައި ވާއިރު، ރައީސް ޔާމީނުގެ ވަކީލެއްގެ ގޮތުން އެމަނިކުފާނާއެކު މަރުކޮމިޝަނަށް ވަަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކުރެއްވި ނަމަވެސް, އެކަން ކުރެއްވީ ސީދާ ކޮން އަމަލަކުންކަން ކޮމިޝަނުން ސާފުނުކޮށްދޭ ކަމަށެވެ.

ނަމަވެސް މަރު ކޮމިޝަނުން ކުރާ ތުހުމަތުތަކަށް ރައީސް ޔާމީން ވަނީ ތަހުގީގުގައި އިންކާރު ކުރައްވާފައި ކަމަށް ވެސް އެމނިކުފާނުގެ ވަކީލުން ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،"

– ޑރ. ޖަމީލް

އަދި ރައީސް ޔާމީން ކޮމިޝަނަށް ހާޒިރުކުރުން ސިފަ ކުރެވުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، 2023 ގެ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ދެކިވަޑައިގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގެ ދަށުގައި އެބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މިއަދުގެ ތަހުގީގަށް ހާޒިރުވުމުން ރާއީސް ޔާމީނާއެކު ހުންނެވޭނީ އެންމެ ވަކީލަކަށް ކަމަށް ކޮމިޝަނުން އަންގައި، ބަޔާން ނެގުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އެންމެ ވަކީލަކާއެކު ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ތަހުގީގީ އެހެން މުއައްސަސާތަކުން އަމަލު ކުރަމުން އަންނަ ގޮތާމުޅިން ހިލާފު ނިންމުމެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ އޮފީހުގައި ދެ ގަޑިއިރެއްހާއިރު ރައީސް ޔާމީން ހޭދަކުރެއްވި ނަމަވެސް ތަހުގީގު ކުރިއަށް ގެންދިޔައީ ފަސް ވަރަކަށް މިނެޓަށް ކަމަށާއި ގިނަ ވަގުތު ހޭދަވީ ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މި މައްސަަލައާ ގުޅިގެން ރައީސް ޔާމީން މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް 2019 ވަނަ އަހަރު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއްސުޢޫދު ވަނީ ރިލްވާން މައްސަލައިގައި ރައީސް ޔާމީންއަށް ދައުވާ ކުރެވޭނެ ހެކި ލިބިފައި ނެތް ކަމަށް ވިދާޅުވެފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން ގެއްލުވާލިތާ 6 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރިޟްވާން ގެއްލުވާލި މައްސަލަ ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީއާއިއެކު ތަޙްޤީގުކުރަމުންދާކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންނުން ހާމަކުރައްވަފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.