އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ލޯބީގެ ގުޅުމަކީ މިހާރު ސިއްރު ކަމެއް ނޫނެވެ. ދެ ތަރިން ވެސް ގުޅުމާއި ބެހޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ނުދެއްކި ނަމަވެސް މި ދެމީހުން ލޯބީގެ ވާހަކަ އަކީ އާ ވަހަކައެއް ނޫނެވެ. ބައެއް އިންޓަވިއުތަކުގައި ނުސީދާކޮށް ދެމީހުން ވެސް ވަނީ މިކަމަށް އިއުތިރާފް ވެސް ވެފައެވެ.
އެގޮތުން ދެމީހުން އެކަކު އަނެއްކަކުގެ އުފަންދުވަސް ފާހަގަ ކޮށްދިނުމާއި އެކުގައި ޗުއްޓީތަކުގައި ދިއުމާއި ސޯޝަލް މީޑިއާގައި ލޯބީގެ ޕޯސްޓްތައް ކުރުމާއި އެކުގައި ޕާޓީކުރުންތަކުން ވެސް ދަނީ ފެންނަމުންނެވެ.
އެގޮތުން އިއްޔެވެސް މި ދެމީހުންވަނީ އެކުގައި ކޮލިޓީ ވަގުތު ކޮޅެއް ހޭދަކޮށްފައެވެ. އަދި މިކަން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާވެސް ކޮށްފައެވެ. މެންދުރުގެ ކެއުމަށް މޭޒުމަތި ތައްޔާރުކޮށްފައިވާ ފޮޓޯތަކުގައި، ޕާސްތާ ކައްކާފައި ވަނީ މަލައިކާ ކަމަށް ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް މަލައިކާ ވަނީ އޭނާ ކެއްކުމުގެ ހުނަރު ދައްކާލާފައެވެ. މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އަދި މި ދެތަރިންގެ މެދުގައި އޮތީ ލޯބީގެ ވަރަށް ވަރުގަދަ ގުޅުމެއްކަމަށް ރިޕޯޓްތަށް ބުނެއެވެ.
މިދެތަރިން މީގެކުރިން އެކުގައި ޗުއްޓީހޭދަކުރުމަށް ރާއްޖެއަށްވެސް ވަނީ އައިސްފައެވެ.