މެލޭޝިއާގައި ކޯވިޑް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުން، އެގައުމުގެ ވެރިރަށް، ކުއާލާ ލަމްޕުރުގެ މަގުތަކަށް އެތައް ސަތޭކަބަޔަކު ޖަމާވެ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްފިއެވެ.
އެތައް ސަތޭކަބަޔަކު މަގުތަކަށް އެއްވެސް މުޒާހިރާ ކޮށްފައިވަނީ، އެގައުމުގައި އަދިވެސް ހަލުއިިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރިކަމާއެކު، މީހުން އެއްތަނަށް އެއްވުން ސަރުކާރުން މަނާކޮށްފައި ވަނިކޮށެވެ.
ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރުމަށް، މުޒާހިރާ ކުރި ފަރާތްތަކުން، ތިބީ މާސްކު އަޅައިގެން އަދި ގައިދުރުކަން ވެސް ދަމަހައްޓައިގެންނެވެ. މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުން ތިބީ ސަރުކާރު ފެއްލްވެފައިވާ ކަން ރަމްޒުކޮށްދޭ ބެނަރތައް ހިފައިގެންނެވެ. އަދި ގޮވަމުން ދިޔައީ އެގައުމުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދިނުމަށެވެ.
މިއީ، މެލޭޝިއާގައި އާންމު އެއްވުންތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވަނިކޮށް، އެގައުމުގައި ފަހަކަށް އައިސް ބޭއްވި އެންމެ ފުރަތަމަ މުޒާހިރާއެވެ. ފަހަކަށް އައިސް މެލޭޝިއާގައި މުޒާހިރާ ކުރުމަށް ގިނަ ބަޔަކު ޖެހިލުން ވެފައިވަނީ، ފެތުރެމުންދާ ކޯވިޑްގެ ނުރައްކާތެރިކަމާހެދި، ސަރުކާރުން އަޅާފައި ފިޔަވަޅުތަކުގެ ސަބަބުންނާއި، އަދި ކޯވިޑް ޖެހިދާނެކަމަށް ގިނަބަޔަކު ޖެހިލުންވެފައި ތިބުމުގެ ސަބަބުންނެވެ.
ހަމައެއާއެކު، ވައިރަސް ފެތުރުން ހުއްޓުވުމަށް މެލޭޝިއާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނާއި، އަދި ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އެގައުމުގެ ސަރުކާރު ހިފެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އެގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ ފަރާތްތަކުގެ އަދަދު ފަހަކަށް އައިސްވަނީ އިތުރުވެގެން ގޮސްފައެވެ.
ކުއާލަ ލަމްޕޫރުގެ މަގުތަކުގައި ކުރިޔަށްދިޔަ މު މުޒާހިރާތައް ކޮންޓްރޯލްކޮށް އަދި މަގު ބަންދު ކުރުމަށްޓަކާ ގިނަ އަދަދެއްގެ ފުލުހުން ދިޔައީ މުޒާހިރާ ކުރަމުންދިޔަ ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ. އަދި މުޒާހިރާގެ ބައިވެރިން ކުއާލަ ލަމްޕޫރުގެ ސެންޓްރަލް ސްކުއަރއަށް ވަނަނުދީ ފުލުހުން ހުރަސް އަޅާފައި ވެއެވެ.
މުޒާހިރާ އިންތިޒާމްކުރި ފަރާތްތަކުން، މި މުޒާހިރާގައި 1،000 މީހުން ބައިވެރިވި ކަމަށް ބުނެފައިވި ނަމަވެސް، ފުލުހުން ބުނެފައިވަނީ މުޒާހިރާގައި ބައިވެރިވެފައިވަނީ 400 ވަރަކަށް މީހުން ކަމުގައެވެ.