ބެންކަށް ފައިދާ ހޯދަންޖެހޭނީ ރައްޔިތުންގެ ލޭބޮމަކުން ނޫން: ސައީދު

ބެންކަށް ފައިދާ ހޯދަންޖެހޭނީ ރައްޔިތުންގެ ލޭބޮމަކުން ނޫން: ސައީދު

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 02:39
0

ބޭންކު އޮފް މޯލްޑިވްސް އަށް ފައިދާ ހޯދަންޖެހޭނީ ރައްޔިތުން ދަތިހާލުގައި ތިއްބައި، ރައްޔިތުންގެ ލޭބޮމުން ނޫން ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މައި ބޭންކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އަހަރުގެ ދެވަނަ ކުއާޓާގައި 785 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެބޭންކުންވަނީ ބުނެފައެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 233 މިލިއަން ރުފިޔާ އިތުރު މިންވަރުވުމެކެވެ.

ބޭންކަށް ބޮޑުތަނުން ފައިދާވަމުންދާ މިދުވަސްވަރު ރައްޔިތުންގެ ހާލަތަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ ކޯވިޑް-19 ގައި ދަތި ހާލަތުގައި ތިވި އެތައް ދިވެހި ރައްޔިތުން މިއަދު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދަވަޅުގައި އުޅެމުންދަނީ ނުހަނު ދަތިހާލުގައިކަމަށެވެ. މިހާލަތުގައި ރައްޔިތުންގެ ބޭނުންކުން، ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ލިބޭނެ ގޮތް ހޯދާ ފައިދާވާނޭ ގޮތަށް ކަންކަން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ މަތީގައި އޮތްއިރު، ކްރެޑިޓް، ޑެބިޓްކާޑުވެސް އޮތީ ބޮޑު ތަޅު އަޅުވާފައިކަމަށް ސައީދު ވިދާޅުވިއެވެ.

ބޭންކު ފައިދާ ހޯދަންޖެހޭނީ ރައްޔިތުންގެ ލޭބޮމަކުން ނޫން. އެއް އަަހަރުގެ ގޭބަންދަކަށްފަހު ލިބުނު ހަމައެކަނި ދުވަސްކޮޅު ޑޮލަރު 18.45 ރުފިޔާއަށް ގަނެގެން ބޭސްފަރުވާ/ ޗުއްޓީ އަށް ބޭރުގައި ދިވެހިން ސަލާން ޖަހަނީ! ކްރެޑިޓް، ޑެބިޓްކާޑު ބޮޑުތަޅުގައި.

– ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ މިއަހަރުގެ 2ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 785 މިލިއަން ރުފިޔާއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 496 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު %38 އިތުރު އަދަދެކެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައެވެ.

ބީއެމްއެލްގެ މިއަހަރުގެ 2ވަނަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހޯދުނު ނަތީޖާއާ މެދު ހިތްހަމަ ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.