ދިވެހި ރައްޔިތުން މިއަދު ނިކުންނަނީ މިސަރުކާރުން، ދިވެހި ރައްޔިތުން އަޅުވެތި ކުރުމަށް ފަށާފައިވާ ކެމްޕެއިނާއި ދެކޮޅަށް ކަމުގައި ހޯމް މިނސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ކޯވިޑުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ވެކްސިންގެ ޤައުމީ ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން ހިސްޓޯ ވިދާޅުވީ ރާއްޖޭގައި ސަރުކާރުން ރާވައިގެން ވަރަށް ނުރައްކާތެރި ކެމްޕެއިނެއް މިހާރުވެސް ކުރިއަށް ގެންދާކަމަށެވެ.
އެކެމްޕެއިނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާ ގޮތަކަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށެވެ. އައްޑޫ ހަންކެޑެއާއި ހަނިމާދުއާއި އުތުރުތިލަފަޅު ފަދަ ތަންތަން އިންޑިއާއަށް ވިއްކާލުމާއި، ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވައި ރަށްވެހިކަން ދިނުމުގެ ކެމްޕެއިނަކީ މިއަދު ދިވެހި ރައްޔިތުން އެކަމާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަންޖެހިފައިވާ ކަމެއްކަމަށް ހިސްޓޯ ވިދާޅުވިއެވެ.
ޞާލިހު ފައްޓަވާފައިވަނީ ޤައުމު ވިއްކާލުމުގެ ކެމްޕެއިނެއް. އައްޑޫ ހަންކެޑެއާއި ހަނިމާދުއާއި އުތުރުތިލަފަޅު ފަދަ ތަންތަން އިންޑިއާއަށް ވިއްކާލުމާއި، ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވައި ރަށްވެހިކަން ދިނުމުގެ ކެމްޕެއިނެއް. ނުކުންނަންވީ ޞާލިޙުގެ އަޅުވެތިކުރުމުގެ ކެމްޕެއިނާ ދެކޮޅަށް.
– ހިސްޓޯ ވިދާޅުވިއެވެ.
މޫސަ ވިދާޅުވެފައިވަނީ ސިޔާސީގޮތުންވެސް އަދި އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިވަގުތު އޮތް އެންމެ ފައިދާ ބޮޑު ކެމްޕެއިންއަކީ ރައީސް ޞާލިހު ފައްޓަވާފައިވާ ކެމްޕެއިންކަމަށެވެ. މިކެމްޕެއިންގައި ސިޔާސީ ހުރިހާ ލީޑަރުންގެ އެއްބާރުލުން ދޭންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނޫނީ ކުރިއަށް އޮތް ދުވަސްތަކަކީ އުދަނގޫ ދަތި ދުވަސްތަކަށް ވެދާނެކަމަށް މޫސަ ވިދާޅުވިއެވެ.
ކޯވިޑްގެ ނުރައްކާތެރި ވަބާއިން ރާއްޖެ މިނިވަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފައްޓަވާފައިވާ ވަރުގަދަ ކެމްޕޭނަށް ރާއްޖޭގެ ހުރިހާސިޔާސީ ލީޑަރުންވެސް ގުޅިގެން ޤައުމީ ކަމެއްގެގޮތުގާ މިކަމަށްއިޖާބަ ދެއްވާ، މިވަގުތު މި އަމާޒަށް ދަތުރުނުކޮށް ސިޔާސީ ކުރިމަގުވެސް ބަނަ.
– މޫސަ ވިދާޅުވިއެވެ.
ރައީސް ފައްޓަވާފައިވާ ކޯވިޑް ވެކްސިންގެ ޕްރޮގުރާމުގައި ބައިވެރިވުމަށް މޫސަ ސިޔާސީ ލީޑަރުންނަށް ގޮވާލާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން “މިނިވަން ކަމުގެ ދިފާއުގައި ދިވެހިން”ގެ ނަމުގައި ބޮޑު ކެމްޕެއިނެއް އިފްތިތާހު ކުރުމާއިވެސް ގުޅިގެންނެވެ.
މިކެންޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.
އޭނާ ވިދާޅުވީ އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއް ނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ރޭ ފެށިގެން ދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ