މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް މިހާތަނަށް އެކަށީގެން ހައްލެއް ލިބިފައިނުވާކަމަށް ކަމިޝަނާ އޮފް ޕްރޮޒަން އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)، އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް ހިންގި “ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން” ޕްރޮގްރާމާއި “ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށާއި އޭގެ ސަބަބަކީ މުޖްތަމައުތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންކަމުންނާއި އޭގެންކުރާ ނޭދެވޭ އަސަރު ބޮޑުކަމުންކަމަށް ފާހަގަކުރެއްވިއެވެ.
އަދި އެމްސީއެސް ބަލަހައްޓާ ހަތަރު ޖަލުގައި މިހާރުވެސް ބަންދުކުރެވިފައިވާ ޤައިދީންގެ ނިސްބަތައް ބަލާއިރު 70 އިން ސައްތަ ޤައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ޤައިދީންކަމަށާއި ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށްވެސް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
އެގޮތުން އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކިއެކި އޮޕަރޭޝަންތަކުން އަތުލާގަނެވިފައިވާކަމަށް ވިދާޅުވިއެވެ. ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާއިރު، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށާއި އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތުން ކަމަށް ފާހަގަކުރެއްވިއެވެ.
އަދި ކޯވިޑް-19ގެ ސަބަބުން ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުން 1 އިން ސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލާގަނެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުންވާކަމީ ހިތާމަހުރިކަމެއްކަމަށް ވިދާޅުވިއެވެ. އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑަޑްއެއް ޤާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަމާއެކު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭލެއް މަދުކަމަށް ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ މީގެ އިތުރުން ފާހަގަކުރެއްވީ ޤައިދީންނަށް ޕެރޯލް ފުރުޞަތުގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިތަކާ މަޝްވަރާ ކުރައްވަމުންދާކަމަށެވެ. އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ