ޝާހިދަށް ދެ މަޤާމެއްގައި ނުހުރެވޭނެ، ޤާނޫނާއި ޚިލާފަށް: ޖަމީލް

ޝާހިދަށް ދެ މަޤާމެއްގައި ނުހުރެވޭނެ، ޤާނޫނާއި ޚިލާފަށް: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 12:32
0

ފޮރިން މިނިސްޓަރުކަމުގައި ހުންނަވައިގެން އަބްދުﷲ ޝާހިދަށް އިތުރު އެހެން މަގާމެއް އަދާނުކުރެވޭނެކަމަށާއި، ދެމަޤާމު ފުރުއްވަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމުގައި ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން މިނިވަންކަމާ ދެކޮޅަށް ކެމްޕޭނެއް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ މިނިސްޓަރަކު މިނިސްޓަރުކަމުގައި ހުންނަވައިގެން އިތުރު އެއްވެސް މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާ ކޮށްގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ޖަމީލް ވިދާޅުވީ ވަޒީރުކަމުގައި ހުންނަވައިގެން އިތުރު އެހެން ވަޒީފާއެއް އަދާކުރުމަކީ ގާނޫނު އަސާސީގެ 136 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރއްޔާއެއް ކުށްވެރިއެއް ނުވޭ. ވަޒީރުންގެ މަޖިލީހުން ކުށްވެރިއެއްނުވޭ. ގާނޫނު އަސާސީގެ 136 ވަނަ މާއްދާ ބައްލަވާލައްވާ. ވަޒީރަކު ވަޒީރުކަމުގައި ހުންނަވައިގެން އިތުރު އެއްވެސް އެހެންކަމެއް ކޮށްގެންނެއް ނުވާނެ.

– ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގައި އެއީ ގާނޫނާ ހިލާފު ކަމެއްކަން ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ މި ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަން ހާމަވާ ކަމަށެވެ.

ހަގީގަތުގައި މި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާ މައި ޗާބީ އޮތީ، އޭގެ ތަޅުދަނޑި ހިއްޕަވައިގެން ހުންނެވީ އަބްދުﷲ ޝާހިދު.

– ޖަމީލް ވިދާޅުވިއެވެ.

އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ، އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލާ ވާދަކުރައްވާ، އދ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ވޯޓާއެކުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އދ.ގެ ޢާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް 5 ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.

މި ކާމިޔާބީއަކީ 1965ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.