ތިމާގެ އަމިއްލަ އާއިލާއާއި، އަމިއްލަ މީހާގެ ރައްކާތެރިކަމާއި، މުޅި މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި އަވަހަށް ވެކްސިން ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފަށާފައިވާ ވެކްސިން ޕްރޮގުރާމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެތައް މަހެއް ވާންދެން ތަކުލީފާއި ބުރަ އުފުލުމަށް ފަހު، އާންމު ދިރިއުޅުމަކަށް ދިއުމަށް ޓަކައި، ވިޔަފާރިތައް ހިންގައިގަތުމަށް ޓަކައި އަދި އާއިލާއާއި ރައްޓެހީންނާ އެކުގައި ވުމަށް މަގުފަހިކޮށްދޭ ކޯވިޑް ވެކްސިން މިހާރު މިވަނީ ލިބިފައި ކަމަށެވެ.
ހުރިހާ ރައްޔިތުންގެވެސް އަމާޒަކަށްވާންވީ ތިމާގެ އަމިއްލަ ރައްކަލަށާއި، އާއިލާއާއި، މުޖުތަމައުގެ ރައްކަލަށްޓަކައި އަވަހަށް ވެކްސިން ޖެއްސެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލިބިފައިމިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.
After months of hardship from COVID19, vaccines are our pathway to resume the rhythm of normal life- to work, run our businesses and be with family and friends.
If you haven’t already, please go and get your shots now. Do it for your families, do it for your community. https://t.co/nq99Xnom3k
— Ibrahim Mohamed Solih (@ibusolih) July 31, 2021
ވެކްސިން ޖެހުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އާބާދީގެ 27 އިންސައްތަ އަދިވެސް ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަހަރު ވެކްސިން ޖެހުމަށް ހުޅުވާލުމުން މިހާރު ލިބެން ހުރި ވެކްސިން އަވަހަށް ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ސަރުކާރުންވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފާފައެވެ. މިކަންކާމިޔާބުކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމަންޓެއްވެސް ގެނެސްފައެވެ.
ވެކްސިންއާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ ހިމެނެނީ ވެކްސިން ޖަހަންޖެހޭ މުޅި އާބާދީއަށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ޤައުމުތަކުގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށް މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަބްރޫކްވަނީ އެދިވަޑައިގެންފައެވެ.
މިއަދު ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތު ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. ހުޅުމާލޭ ހޮސްޕިޓަލް ފިޔަވާ އެހެން ސެންޓަރުތަކުގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ވެކްސިން ޖަހައިދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ