ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝީލްޕާ ޝެއްޓީއާއި އޭނާގެ އާއިލާއަށް ވަނީ ފިރިމީހާ ހައްޔަރަށްފަހު އެތައް ދަތި ތަކަކާއި ކުރިމަތިވެފަ އެވެ.
ބަރަހަނާ ފިލްމު އުފައްދާ ވިޔަފާރީ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ އާއި ޝިލްޕާގެ އެކައުންޓުތައް ވެސް ވަނީ މި މައްސަލައާ ގުޅިގެން މުމްބާއީ ކްރައިމް ބަރާންޗްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވަނީ އެތައް ފައިސާއެއް ހުރި އެ ދެމަފިރިންގެ ދެ އެކައުންޓްވެސް ފްރީޒް ކޮށްފައި ވާކަމަށެވެ.
މި މައްސަލާގައި ރާޖާ ދެކޮޅަށް ހެކިބަސްދިނުމަށް އޭނާގެ އޮފީހުގެ ހަތަރު މުވައްޒަފަކު އެއްބަސް ވުމާއި އެކު އިތުރު މައްސަލަ ތަކެއްވެސް ދަނީ ފެންމަތި ވަމުންނެވެ. އެ ކަންކަމާ ގުޅިގެން ރާޖް ކުންދުރާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ވެސް ކޮށްފާނެ ކަމަށް ބެލެވެއެވެ.
މި މައްސަލާގައި ޝިލްޕާ ގެ އެއްވެސް ރޯލެއް އޮތްތޯ ބެލުމުގެ މަސައްކަތް ވެސް ފުލުހުން އަންނީ ކުރަމުންނެވެ. ރާޖް ކުންދުރާގެ ކޮމްޕެނީ ވިއާން އިންޑަސްޓްރީގެ ޑިރެކްޓަރު ކަމުން މިދިއަ އަހަރު ޝިލްޕާ އިސްތިއުފާ ދީފައިވާތީ ފުލުހުން އެކަމާއި ގުޅުން ހުރި ކަންކަން ވެސް ދަނީ ބަލަމުންނެެވެ.
ބައެއް ރިޕޯޓްތަށް ބުނާގޮތުން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ޝިލްޕާ ދިރިއުޅޭގެ ބަލާ ފާސްކުރަމުންދިއަ ވަގުތު ޝިލްޕާ ވަނީ އޭނާގެ އިހުސާސްތަށް ރުޅިވެރިކަމާއި ހިތާމައާއި އެކު ފާޅުކޮށްފަ އެވެ. އެވަގުތު އެތަނުގައި ހުރި ފުލުހުންގެ މީހަކާއި ހަވާލާދީ ރިޕޯޓުގައި ބުނެފައި ވަނީ މުޅި އާއިލާގެ އަގު ވެއްޓި އިންޑަސްޓްރީގައި އޭނާގެ މަސައްކަތްތައް ހުއްޓި އެތައް ޕްރޮޖެކްޓެއް ދޫކޮށްލަން ޖެހިފައިވާ ކަމަށާއި ފައިސާ ލިބޭނެ އެއްވެސް މަގެއް މިވަގުތު ނެތްކަމަށް ޝިލްޕާ އެވަގުތު ބުނެފައިވާ ކަމަށެވެ.
މި މައްސަލާގައި ރާޖްގެ ބަންދުގެ މުއްއަދަތު މިދިޔަ އަންގާރަ ދުވަހު ވަނީ 14 ދުވަސް އިތުރުކޮށްފަ އެވެ.