ބޭރު ގައުމުތަކުން ރާއްޖެ އަންނަ ފަރާތްތަކުން، ރާއްޖެ އެތެރެވުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ އުސޫލު ބަދަލުކޮށްފި އެވެ.
އެޗްޕީއޭއިން މީގެކުރިން ކަނޑައަޅާފައި އޮތް އުސޫލުގައި، ރާއްޖެ އެތެރެވުމުގެ ކުރިން، 72 ގަޑިއިރު ނުވަތަ 3 ދުވަސް ހަމަނުވާ ކޯވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.
އެޗްޕީއޭގެ އުސޫލަށް މިގެނައި ބަދަލާ އެކު، މިއަދުން ފެށިގެން ރާއްޖެ އެތެރެވާ ވަގުތުގެ ކުރިން 96 ގަޑިއިރު ނުވަތަ، ހަތަރު ދުވަސް ތެރޭ ހަދާފައިވާ ޕީސީއާރް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ. އެއީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖެ އެތެރެވާ އެންމެން އަމަލުކުރަން ޖެހޭ އުސޫލެކެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ލުއިތަކެއް ވަނީ ދީފަ އެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވެ ބަލިން ފަސޭހަ ވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވް ވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޯވިޑް ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ ލުއިދީފަ އެވެ.
އެ ފަދަ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަަމަވެސް ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަސްތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެ އެވެ.
މިފަދަ ލުއިތަކެއް ދިން ނަމަވެސް، ކޯވިޑުން ރަނގަޅުވިތާ ދެމަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައިސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގައި ބާރުސްޕީޑުގައި ކޯވިޑް ބަލިމަޑުކަން ފެތުރެމުން ދިއުމުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އެތެރެވުން މަނާކޮށްފައި އޮތުމަށްފަހު އެޗްޕީއޭއިން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖެ އަލުން ހުޅުވައިލީ މިމަހުގެ 15 އިން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ