މޫސުން ގޯސްވުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް މިއަދު ދަތުރުކުރަން ހުރި ފްލައިޓްތަކުގެ ދަތުރުތައް ކެންސަލް ކޮށްފިއެވެ.
މޯލްޑިވިއަންގެ ފްލައިޓުން މާލެ އިން ހޯރަފުއްޓަށް މިއަދު ތާވަލުކޮށްފައިވާ ދަތުރުތައް ކެންސަލްކޮށް މާދަމާ އަށް ތާވަލް ކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ދަތުރުތައް ކެންސަލްކުރީ ނޫން ކަމަށާއި ރަންވޭ އަށް ވެލި އެޅުމުން ދަތުރުތައް "ޑިލޭވީ" ކަމަށެވެެ.
މިދިޔަ މޭ މަހު ކުރި ވިއްސާރައިގައި، ބޮޑެތި ގެއްލުންތަކެއް ލިބުމުން ހޯރަފުށި އެއާޕޯޓްގެ ދަތުރުތައް ހަފްތާ އަކަށް ވުރެ ގިނަ ދުވަހަށް މެދުކަނޑާލި އެވެ. އަލުން ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހު 15 ގައެވެ.
ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް ހަދާފައިވާ ތަނުގައި ރުއްގަސް ވަރަށް މަދެވެ. އަދި ރަންވޭ ސަރަހައްދުގައި ވިނަ ވެސް ނެތުމުން ރަންވޭމައްޗަށް ވަރަށް ފަސޭހައިން ވެލި އަރަ އެވެ. ރަންވޭ އަށް ވެލި އެރީ ރޭ ފަތިހު ރާއްޖޭގެ އުތުރަށް ޖެހުނު ކޮޅިގަނޑުގަ އެވެ. އެއީ ހުޅަނގު މޫސުމުގެ އާދައިގެ ކޮޅިގަނޑެކެވެ.
ހޯރަފުށި އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރީ އެ އެއާޕޯޓް ހެދުމުގެ މަސައްކަތް ވެސް ކުރި އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓް މަރާމާތު ކުރަން ލަފާކުރި ވަރަށް ވުރެ ކުރަން ޖެހުނު ހަރަދު ކުޑަ އެވެ. މަރާމާތަށް ހަރަދުވީ 300،000 ރުފިޔާ އެވެ.
ކޮމެންޓު ފޮނުވާ