ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސްގެ ޝިލްޕާ ޝެއްޓީގެ ފިރިމީހާ އަދި އިންޑިއާގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ ރާޖް ކުންދުރާ ވަނީ ހައްޔަރުކޮށްފަ އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ވީޑީއޯގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގަ އެވެ.
ހަބަރުތަށް ބުނާގޮތުގައި މި ވިޔާފާރީގެ ތެރެއަށް އޭނާ ވަދެފައިވަނީ ކޮރޯނާ އާއި ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައެވެ. މުމްބާއީ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަށް ބުނެފައިވަނީ ބަރަހަނާ ވީޑިއޯގެ ވިޔަފާރި ރާޖް ކުންދުރާ ކޮށްފައިވަނީ ޔޫކޭގައި ހުންނަ ޕްރަދީބް ބަކްޝީގެ ޕެންރިން ލިމިޓެޑާއި ގުޅިގެންނެވެ. އަދި މި މަސައްކަތުގެ ތެރޭގައި ވީޑީއޯ ވިއްކުމުގެ އިތުރުން އެ ވިޔަފާރީ ބެލެހެއްޓުމަށް މުމްބާއީގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވެސް ކޮށްފައިވަނީ ވެސް ރާޖް އެވެ.
ރާޖް މި މަސައްކަތުގައި ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ކްރައިމް ބްރާންޗުގެ ޖޮއިންޓް ކޮމިޝަނާ އޮފް ޕޮލިސް މިލިންޑް ބަރަންބޭ ބުނެފައިވެއެވެ.
ބަރަހަނާ ވީޑިއޯތަށް ރާޖްގެ އޮފީސްތެރޭގައި އުފައްދާފައިވާ ކަމަށްވެސް ކޮމިޝަނާ ބުނެފައިވެއެވެ. މި ވީޑީއޯތަށް ޕެންރިން ލިމިޓެޑަށް ފޮނުވުމަށް ބޭނުންކޮށްފައިވާ ވީ ޓްރާންސްފަރ އިން ވެސް ރާޖް މިމަސައްކަތުގައި ބައިވެރިވެފައި ވާކަން ސާބިތު ވެފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރާޖްގެ ވަޓްސްއެޕް ޗެޓް ކޮންވަޒޭޝަން ތަކުންވެސް ހެކި ލިބިފައިވާކަމަށް ކްރައިމް ބްރާންޗުން ޔަގީން ކޮށްދީފައިވެއެވެ. ކޮމިޝަނާ ބުނެފައިވާ ގޮތުގައި މި ވިޔަފާރިން ރާޖް ކުންދުރާއަށް ދުވާލެއްގެ މައްޗަށް 2 ނުވަތަ 3 ލައްކަ ރުޕީސް އެންމެ ފުރަތަމަ ލިބިފައިވެއެވެ. އަދި ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް 6 ނުވަތަ 8 ލައްކަ ރުޕީސްވެސް ލިބިފައިވާ ކަމަށް ކޮމިޝަނާ މައުލޫމާތު ދީފައިވެއެވެ.
މި ވިޔަފާރިން ހޯދާފައިވާ ފައިސާކަމަށް ބެލެވޭ 7.5 ކަރޯޑް ރުޕީސް ފުލުހުން ވަނީ ހޯދާފަ އެވެ. މި މަސައްކަތުގައި ޝިކާރައަކަށް ހަދާފައިވަނީ މަސައްކަތެއް ނެތި އުޅޭ އާޓިސްޓުންކަން ފާހަގަކޮށް ޕޮލިހުން ބުނެފައިވަނީ ސެންސަރު މަންޒަރުތައް ނެގުމަށް ކުދިން ތައްޔާރުތޯ ބެލުމުގެ ގޮތުން ކަމަށް ބުނެ ޕާފޯމް ކުރުމަށް އެދޭ ކަމަށެވެ. އަދި އެ މަންޒަރުތަށް ވީޑިއޯ ކުރުމަށްފަހު މި ވިޔަފާއީގެ ތެރޭގައި ބޭނުން ކުރަނީކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ވެސް އެފަދަ އަންހެން ކުއްޖެއް ކަމަށާއި އެކުއްޖާ މައްސަލަ ހުށައަޅާފައިވަނީ އެމީހުންގެ ހަރަކާތްތަށް ހުރި ގޮތުން ގޯހެއް އުޅޭކަމަށް ހީވެ އެކަން ބައިލައިދިނުމަށް ކަމަށް ފުލުހުން ބުނެފައިވެއެެވެ. މި މައްސަލައިގައި ރާޖްގެ އިތުރުން އައިޓީ ސްޕެޝަލިސްޓް ރްޔަން ޖޭ ތަރްޕޭވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގެ ރާޖް މިމަހުގެ 23 އާއި ހަމައަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ވަނީ މުމްބާއީ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައެވެ.