ސިއްކަ އާއި ސައްތާރުގެ ކޯޅުމުގައި ގައުމު މިވަނީ ހުއްޓިފައި: މަލީހް

ސިއްކަ އާއި ސައްތާރުގެ ކޯޅުމުގައި ގައުމު މިވަނީ ހުއްޓިފައި: މަލީހް

Author
ޢަލީ އާދަމް
20 ޖުލައި 2021 01:44
0

ގައުމުގެ ހުރިހާ ދިމާއަކަށް ނަޒަރުހިންގާލި ނަމަވެސް ފެނިގެންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނާގާބިލް ކަމާއި، ފަހަތަށް ގައުމު ދާ މަންޒަރު ކަމަށް ރައީސް ޞާލިޙްގެ ފުރަތަމަ ކޮމިއުނިކެޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި މަލީހު ދެވަނަ ފަހަރަށް ގުޅިވަޑައިގަތުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ މިހާރު ފެނިގެން މިދަނީ ސިއްކަ އާއި ސައްތާރުގެ ކޯޅުމުގައި ގައުމު ހުއްޓިފައިވާ މަންޒަރު ކަމަށެވެ. އަދި އެމަންޒަރު ބަލަން ދިވެހި ރައްޔިތުން މިހާރު ބޭނުން ނުވާކަމަށެވެ. މަލީހު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުން ފަޒްނާ އަޙްމަދުގެ ބައްޕާފުޅާއި ރައީސް ނަޝީދުގެ ބައްޕާފުޅަށް ނިސްބަތްކުރައްވާފަ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ 1 މަސްދުވަހުގެތެރޭ ކުރެވުނު ވަރަށްވެސް އެމްޑީޕީގެ ސަރުކާރުގެ 3 އަހަރު ދުވަހުގެތެރޭ ކުރެވިފައި ނުވާކަމަށް މަލީހް ވިދާޅުވި އެވެ. އަދި ދައުރުގެ ބާކީ އޮތް ދުވަސްތަށް ގުނަން މުލިޔާގޭ ފެންޑާގައި ރައީސް ޞާލިޙް ބަހައްޓައިގެން ދައުރުގެ ބާކީއޮތް ދުވަސްތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މީގެއިތުރުން ޕީޕީއެމްގެ ވެރިކަމުގައި ޔޫތު މިނިސްތަރުކަންވެސް ކުރެއްވި މަލީހު އޭރު ޕީޕީއެމާ ދުރަށް ޖެހުނީވެސް އެމްޑީޕީން ފޮނުވި ފަނިތަކެއްގެ ސަބަބުން ކަމަށް މަލީހު ރޭގައި ވަނީ ވިދާޅުވެފަ އެވެ. މިހާރު އެމްޑީޕީ ހަލާކުވެ އެދަނީ ހަމަ އެފަނިތަކުގެ ސަބަބުން ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲގެ ވާގިފުޅާއި އެކީ ދޭން ބޭނުންވާ ޔަގީން ކަމަކީ 11 ނޮވެމްބަރު 2023 ވަނަ ދުވަހު ރާއްޖޭގެ ޒައާމަތާ އަލުން މުޅިން އާދައުރަކަށް އިރާދަކުރެއްވިއްޔާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގަންނަވާނެ"

– މަލީހް

މީގެ އިތުރުން މަލީހު ވިދާޅުވީ އެންމެ ގަދައަށް ޑިމޮކްރަސީގެ ވާހަކަ ދެއްކީ މި ސަރުކާރުން ކަމަށާއި ނަމަވެސް ފެނިގެންދާ މަންޒަރަކީ ޑިމޮކްރަސީއާ ދިމާ އިދިކޮޅަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަޒީރުންނަށްވެސް ނެތް ކަމަށް ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް މަގާމުން ދުރުކޮށްފައިވަނީ މަޖިލީހުން އެބޭފުޅާގެ މައްޗަށް އިތުބާރުނެތްކަމަށް ވޯޓުނެގުމަށްފަހު އެވެ. އަދި އިތުބާރުނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކުރުމާއިއެކު މަލީހް ވަނީ ވެރިކަން ކުރާ މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި އިދިކޮޅަށް ނިކުންނާނެކަން ހާމަ ކުރައްވާފައެވެ. މަލީހު މިނިސްޓަރުކަމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. މަގާމުން ވަކިކުރުމާއެކު ޖުމްހޫރީޕާޓީގެ މެމްބަރުކަމުންވެސް މަލީހު ވަނީ ވަކިވެވަޑައިގެންފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.