ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު މާލެއިން ގޯއްޗެއް ބައްލަވައިގަތް ގޮތް އޮޅުން ފިލުވައި ދެއްވައިފިއެވެ.
މާލެއިން ގޯއްޗެއް ބައްލަވައިގެންނެވި ގޮތް އަމްރު ކިޔައިދެެއްވާފައި މިވަނީ، އެކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އަމްރު ބުނެފައިވަނީ 2017 ވަނަ އަހަރު ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދާ ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ތަނުން އެ ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވި ކަމަށެވެ. އެ ގޯތި އެހެންމީހަކު ގަނެފިނަމަ އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް 2019 ވަނަ އަހަރު ހުށަހެޅިކަމަށް އަމްރު ވިދާޅުވިއެވެ.
ވެރިފަރާތުން އަޅުގަނޑަށް ވިއްކަން ބޭނުންވުމުން އަޅުގަނޑު ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން، އަޅުގަނޑު ކޮށްފަވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު އަދި 2017 ވަނަ އަހަރު ކޮށްފަ އޮތް އިންވެސްޓްމެންޓަކަށް ވިޔަސް މިވަގުތު ސިޔާސީ މަގާމެއްގަ ހުރުމުން އޭރު، 2017 ގަ އިންވެސްޓްކޮށްފަ ހުރި ފައިސާ އަކީވެސް އަޅުގަނޑު މަސައްކަތް ކޮށްގެން ހޯދާފަވާ ހަލާލު ފައިސާކަން ޔަގީންކުރުމަށް ފަހު، 2020 ވަނަ އަހަރު ލޯނު އެޕްރޫވްވި.
– އަމްރު ވިދާޅުވިއެވެ.
އަމްރުގެ އަތުގައި އޮތް ގަޑިއާއި ކާރާ ބެހޭ ގޮތުން އޮންލައިން ނޫހެއްގައި ތުހުމަތުތަކެއް ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ އެ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށެވެ. އަދި ގަޑި އަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އަމްރު ތުރުކުރައްވާ ގަޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ވާހަކަތައް އެނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލައި ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް ކަމަށް އަމްރު ވިދާޅުވިއެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމުގައިވާ ހަބީބާ ހުސައިން ހަބީބުގެ ނަމުގައި އޮތް ގ. ވައިލެޓް އަބީރު، އަމުރު ބައްލަވައިގެންނެވީ 8.4 މިލިއަން ރުފިޔާ އަށެވެ. ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ ހުކުމްގައިވާ ގޮތުން އަމުރު ބައްލަވައިގަތީ 1183.7 އަކަފޫޓުގެ ބިމެކެވެ. ބިމުގެ އަގު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ހަބީބާ ވަނީ ޝަރީއަތަށް ބަޔާނެއް ވެސް ދެއްވާފަ އެވެ. އެހެންވެ ގ. ވައިލެޓް އަބީރުގެ މިހާރުގެ މިލްކުވެރި ފަރާތަކީ އަމުރު ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ