ރާއްޖޭގައި އުފެދިފައި ހުރި ބޮޑެތި ސިޔާސީ ޕާޓީތަށް މިހާރު ހުރީ ވަރުވާއަށް ލިއެފަ ހުންނަ ގޮއިފާލައްބަ އާއި ހިންނަ ފަދައިން ވެފަކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސާ މަނިކު މިހެން ވިދާޅުވެފައި ވަނީ އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީތަކާއި ދެކޮޅަށް މިހާރުވެސް ރާއްޖޭގައި އޮތް ބޮޑެތި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ބަސްވިދާޅުވަމުން ގެންދަވާތީ އެކަމާދެކޮޅަށް ކުރެއްވި ޓްވީޓެއްގަ އެވެ.
ގޮއިފާލައްބަ އަކީ އިހުގައި މީހުންއުޅޭ ރަށްރަށުގައި އިންދާ ގަސްރުކުގެ ތެރެއިން ތައްޖަހައިގެން ސަރުކާރަށް ނެގޭ ރުކާއި، ސަރުކާރުގެ ބިމެއްގައި އަމިއްލަ މީހުން ކުރާ އޮއްޓަރު ގޮވާމުން ސަރުކާރަށް ނަގާ ބަޔަށް ކިޔާ ނަމެކެވެ. އަދި ހިންނަ އަކީ މީހުންއުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެ ދެވޭ ގޮތަށް ޚާއްޞަ ކޮށްފައި ވާ ބިން ބިމަށް ކިޔާ ނަމެކެވެ.
މޫސަ މިފަދަގޮތަކަށް ސިޔާސީ ޕާޓީތަށް ސިފަކޮށްފައި މިވަނީ، ސިޔާސީ ޕާޓީތަކަކީ ޑިމޮކްރެޓިކް އުސޫލު ކެނޑި ވަކި އެންމެ މީހަކަށް ލިޔެ ފިބަކޮށްދީ، ބޭނުންހާ ގޮތެއް ހެދުމަށް، ހުދުމުހުތާރު އުސޫލުތަކަށް ހިންގާ ތަންތަނަށް ވެފައި ވާކަމަށް ގިނަބަޔަކު ބުނަމުންގެންދާ ދަނޑިވަޅެއްގަ އެވެ.
މޫސަ ވިދާޅުވީ ސިޔާސީ ޕާޓީ އުފެއްދުމަކީ ގާނޫނު އަސާސީން ކޮންމެރައްޔަތަކަށް ލިބިދޭ ޙައްޤަކަށްވާއިރު ބަޔަކުޕާޓީއެއް ހަދަން ނުކުތުމުން ބޮޑެތި ޕާޓީތަކުގެ އިސްމީހުން މަލާމާތް ކުރާނެކަމެއް ނެތްކަމަށެވެ.
ސިޔާސީޕާޓީ އުފެއްދުމަކީ ޤއ ކޮންމެރައްޔަތަކަށް ލިބިދޭޙައްޤަކަށްވާއިރު ބަޔަކުޕާޓީއެއް ހަދަން ނުކުތުމުން ބޮޑެތިޕާޓީތަކުގެ އިސްމީހުންމަލާމާތްކުރާނެ ކަމެއްނެތެއްނޫންތޯ ބޮޑެތިޕާޓީތަށްހުރީ ވަރުވާއަށް ލިއެފަ ހުންނަ ގޮވެފާލައްބަ ހިންނަ ފަދައިންވެފަނޫންތޯ
— Moosa Maniku (Reeko) (@ReekoMoosa) July 13, 2021
ރާއްޖޭގެ ސިޔާސީ މަޝްރަހާއި ސިޔާސީ ޕާޓީތައް އުފެދުމުގައި އިސްކޮށް އުޅުއްވާފައިވާ މޫސަ މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ކުރީގެ ޑިފެންސް މިނިސްޓަރ، އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށުމާއި އެކު އެކަމުގައި ނާޒިމާއެކު އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަށް ބަހުގެ ހަމަލާތަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ނާޒިމް މީގެކުރިން މެމްބަރެއްގެ ގޮތުގައި ހުންނެވި ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް ވަނީ ނާޒިމަށް މަލާމާތް ކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕުގައި މިކަމާއި ގުޅޭގޮތުން ދެެކެވުނު ވާހަތަކުގައި ޤާސިމްވަނީ ހިނިގަނޑުގެ އިމޯޖީއެއް ފޮނުވަފައެވެ. އަދި ވިދާޅުވެފައިވަނީ ނާޒިމްވެސް އެއީ ވަކި ކާކުތޯ ކަމުގައެވެ.
މީގެ އިތުރުން ނާޒިމްގެ މިމަސައްކަތަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ފާޑުކިޔާފަ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ނާޒިމް އިސްކޮށް ހުންވައިގެން އުފައްދަވަ ސިޔާސީ ޕާޓީއަކީ އެއްވެސް މަގުސަދެއް އޮވެގެން އުފައްދާ ޕާޓީއެއްކަމަށް ނުފެންނަކަމަށެވެ. މިޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަކީ މިހާރު ތިއްބެވި ޕާޓީއަށް އިހުލާސްތެރިކަމެއް ނެތްބަޔަކަށްވާއިރު، އަމިއްލަ އަށް ޕާޓީއެއް ހަދައިގެން އިހުލާސްތެރިވެވޭ ގޮތެއް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކާނަލް ނާޒިން އިސްވެ ހުންނަވާ އުފައްދަވާ ސިޔާސީ ޕާޓީ ވުޖޫދަށް އައުމުން އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި މިހާރު ހިންގަމުންދާ 11 ވަނަ ސިޔާސީ ޕާޓީއަށެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ.
ކޮމެންޓު ފޮނުވާ