ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާ 25 ވާ އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޗުއްޓީގައި ތިބި މީހުންނަށް ފަސޭހަކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި ހިނގާ ޖުލައި މަހުގެ 19 ވާ ހޯމަ ދުވަހަކީ ހައްޖު ދުވަހަށް ވުމާއެކު އެއީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އަދި އަޟްހާ އީދާ ގުޅިގެން ޖުލައި 20 ވަނަ ދުވަހުން ފެށިގެން 23ގެ ނިޔަލަށް ސަރުކާރު ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން 26 ޖުލައި އަކީ މިނިވަން ދުވަސް ކަމަށް ވުމާއެކު އެއީ ވެސް ސަރުކާރު ބަންދު ދުވަހެކެވެ. އަދި ޖުލައި މަހުގެ 27 ސަރުކާރު ބަންދު ކޮށްފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެންނެެވެ. ސަރުކާރުން މި ދެ ދުވަސް ބަންދު ކުރުމާ ގުޅިގެން ޖުމްލަ 10 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެއެވެ.
އެންމެންގެ ރައްކާތެރިކަމަށްޓަކައި ކުރިއަށް އޮތް އީދު ބަންދާއި ބޮޑު ޗުއްޓީގައި ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވާފައެވެ. ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެއޭޖެންސީންވަނީ ދަންނަވާފައެވެ. އެގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި މައިގަނޑު ހަތްކަމެއް ފާހަގަކޮށް އެކަންކަމަށް އިސްކަންދީގެން ފިޔަވަޅުތައް އެޅުއްވުމަށްވަނީ އަންގާފައެވެ.
އޭގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން ނުވަތަ "އެއް ބަބުލްގެ މީހުން" ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކްއެޅުމަށްވަނީ ބާރު އަޅުއްވާފައެވެ.
މީގެ އިތުރުން ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށާއި އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުމާއެކު، އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތައް ނުބޭއްވުމާއި، ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަސް އެޗްޕީއޭގެ އިއުލާނުގައިވަނީ ހަނދާންކޮށްދީފައެވެ.