ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ މީހަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ސިޔާސީ މަސައްކަތް ކުރެއްވުމަށް ރައީސް ޞާލިހުއާއިއެކު ދެން ހުރެވޭކަށް ނެތްކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ކޮންމެ ފާޑުކިޔުމެއްވެސް ރައީސް ޞާލިޙާ ހިސާބުން ނިމޭ ސަބަބަކީ މިއީ ކަމުގައި މޫސަ ވިދާޅުވިއެވެ. އެގޮތުން ބަޔަކު ޕާޓީއެއް ހެދިޔަސް، އަމިއްލަޕާޓީ ތެރެއިން ބޮޑާހޭކިޔަސް، އަދި އިދިކޮޅުން ރައްދެއްދިނަސް އަމާޒުވަނީ ހަމަަ ރައީސް ޞާލިޙާ 2023ގެ ރިޔާސީ އިންތިޚާބާ އަޅުވާފައިކަމަށް މޫސަ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙްގާ މިވަގުތު ހުރި އެއްމެ ނުފޫޒުގަދަ މީހެއްގެގޮތުގާ ފެންނަނީ @ibusolih ކަން ސިޔާސީ އެއްމެންވެސް ޤަބޫލުކުރާކަންޔަޤީން، ބަޔަކުޕާޓީއެއްހެދިޔަސް ، އަމިއްލަޕާޓީ ތެރޭން ބޮޑާހޭކިޔަސް އިދިކޮޅުންރައްދެއްދިނަސް އަމާޒުވަނީ ރ ސޯލިހުއާ2023އާއަޅުވާފަ؟
— Moosa Maniku (Reeko) (@ReekoMoosa) July 12, 2021
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ އަދި އާންމު ބައެއް މީހުންގެވެސް ތިބޭ ” ޖަޒީރާ” ވަޓްސް އަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ހަރުކަށި ފިކުރު އޮތް މިންވަރާއި ގުޅޭގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އަދި މިކަމުގައި އެމަނިކުފާނުގެ ކަންބޮޑުވުން އޮތްމިންވަރު ވަނީ ހިއްސާ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑާއި މިހާރު ރައީސުލްޖުމްހޫރިއްޔާއާއި، ފިކުރީ ގޮތުން ޚިޔާލު ތަފާތު. އަޅުގަނޑު މެންގެ ޒާތީ ކަންތައްތަކުގައި އަބަދުވެސް އުޅޭނީ އެކުގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއްކަމަކު، އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާއި އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭންޖެހޭނެ. ވެރިކަން ބޭނުމެއްނޫން. އެކަނަވެސް ކުރެވިއްޖެ. ނުކުރެވޭ އެއްކަމެއްވެސް ނެތް. ރައީސުލްޖުމްހޫރިއްޔާވެސް އެހުރީ ތާށިވެފަ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ގިނަ ބަޔަކު ތިބޭ މި ގްރޫޕުގައި ރައީސް ޞާލިހާއި އެމްޑީޕީގެ ބައެއް ބޭފުޅުންނަށް އަމާޒުކޮށްވެސް އެކި ވާހަތައް ދައްކަވާފައެވެ. އަދި މިކަމުގައި އެމްޑީޕީގެ ބައެއް މެމްބަރުން ކިތަންމެ ހިތްހަމަ ނުޖެހުނަސް ސިޔާސީ ގޮތުން ރައީސް ޞާލިހުއާއިއެކު ދެން ކުރިއަށް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ޒާތީ ދިރިއުޅުމުގައި ގާތްކަން އޮންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ