މިއަހަރުގެ އަޟްޙާ ޢީދު ބަންދުގައި އުތީމު ގަނޑުވަރުގެ ޚިދުމަތް މެދުކަނޑާލުމަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ނިންމައިފި އެވެ.
މިކަން ހާމަކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ބުނީ، އާންމުގޮތެއްގައި ޢީދު ބަންދާ ދިމާކޮށް އާންމުންނަށް ގަނޑުވަރު ބަލާލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި އެގޮތުން ގިނަ އަދަދެއްގެ މީހުން އެދުވަސްވަރު ގަނޑުވަރަށް ޒިޔާރަތްކުރާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް މި ދުވަސްވަރަކީ ކޯވިޑް-19ގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭންޖެހޭ ދަނޑިވަޅަކަށްވާތީ، އުތީމު ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކުގެ މަތިން ޢީދު ބަންދުގައި ގަނޑުވަރުގެ ހިދުމަތްދިނުން މެދުކަނޑާލާނެ ކަމަށް މި އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޖުލައި 16 އިން 27 އަށް ގަނޑުވަރު ބަލާލުމުގެ ހިދުމަތް މެދުނޑާލުމަށްފަހު ޖުލައި 28 ވާ ބުދަދުވަހުން ފެށިގެން އަލުން ގަނޑުވަރުގެ ހިދުމަތް ފެށުމަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ނިންމާފަ އެވެ.
ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު މާރިޗު މަހުވެސް އުތީމު ގަނޑުވަރު ވަގުތީގޮތުން އާންމުންނަށް ބަންދުކޮށްފައި ވެއެވެ. ނަމަވެސް ޑިސެމްބަރު މަހު ކަނޑައެޅި ހާއްސަ އުސޫލުތަކެއްގެ ދަށުން އާންމުންނަށް ގަނޑުވަރު ބަލާލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވެއެވެ.
ދިވެހިންގެ އިތުރުން ބޭރުމީހުންނާއި ފަތުރުވެރިންގެ މެދުގައި ވެސް މަޤްބޫލު މި އާސާރީ ތަރިކަ ބަލާލުމުގެ ފުރުސަތު އޭރު ހުޅުވާލީ ހަމައެކަނި ދިވެހިންނާއި ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ބިދޭސީންނާއި، ވާކް ޕަރމިޓް އޮތް ބިދޭސީންނަށެެވެ.