ބޮލީވުޑްގެ މަޝްހޫރު ކަޕަލް އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން ކައިވެނިކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. މީ ގިނަ ބައެއްގެ ސަމާލުކަން އަބަދުވެސް ލިބެމުންދާ ޖޯޑެކެވެ. އަދި ގިނަ ބަޔަކު ނަމޫނާއަކަށް ބަލަމުންދާ ޖޯޑެއް ވެސް މެއެވެ.
2011 ވަނަ އަހަރު ނޮވެމްބަރުގައި މި ދެމަަފިރިންނަށް ވަނީ ދަރިއަކު ލިބިފަ އެވެ. އަދި މި ދަރިފުޅަށް ކިޔާފައިވަނީ އާރަދްޔާ އެވެ. މިއީ މި ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.
2012 ވަނަ އަހަރު ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އައިޝްވަރިޔާ ބުނެފައިވަނީ ދަރިފުޅަށް ނަންކިއުމަށް 4 މަސްދުވަސް ނެގިކަމަށެވެ. އަދި އާރަދްޔާ އަކީ އެ ދެމަފިރިންނަށްވެސް ކަމުދާ ނަމެއް ނަމަވެސް ދެފަރާތުގެ އާއިލާ މެމްބަރުންގެ އަތްމައްޗަށް ދަރިފުޅަށް ނަމެއް ކިއުމުގެ ކަންކަން އޭނާ ދޫކޮށްލި ކަމަށެވެ.
މީގެ އިތުރުން ދަރިއަކު ލިބުމަށްފަހު ދުވަސްތަށް ދާގޮތް ނޭނގޭ ކަމަށާއި، ހަތަރުމަސް ވެގެން ދިޔަގޮތް އޭނާއަށް ނުވެސް އެނގުނު ކަމަށް އައިޝްވަރިޔާ ވަނީ ބުނެފައެވެ. އަދި އާރަދްޔާ ލިބުނުފަހުން ވަގުތަކީ ވަރަށް އަގުބޮޑު އެއްޗަކަށް ވީކަމަށްވެސް އައިޝްވަރިޔާ ބުންޏެވެ.
މި އަހަރު އަރާދްޔާއަށް 10 އަހަރު ފުރޭނެއެވެ. އާރްޖޭ ސިދާތު ކަންނަން އާއި ވަހަކަ ދައްކަމުން އަބީޝެކް ބުނެފައިވަނީ އަރާދްޔާ އަދި ވަރަށް ކުޑަ ކަމަށެވެ. އަދި މި ދުވަސް ކޮޅު އަރާދްޔާ އުޅެނީ އޮންލައިން ސުކޫލްގެ ކަންކަމުގައި ބިޒީވެ ކަމަށްވެސް ވަނީ ބުނެފަ އެެވެ.
އަބިޝޭކް އިތުރަށް ވާހަކަ ދައްކަމުން ބުނެފައިވަނީ މުޅި އާއިލާ އަކީ ފިލްމީ އާއިލާއެއް ކަމަށާއި ގިނަ ބައެއްގެ ލޮތްބާއި އިހުތިރާމު ލިބިފައިވާ އާއިލާއެއް ކަމުގައި އަރާދްޔާ އަށް ވިސްނައިދީފައި ވާނެކަމަށެވެ. އަދި ދަރިފުޅު އެދެމީހުންގެ ފިލްމުތަށް ބަލާ ކަަމަށްވެސް އަބީޝެކް ބުނެފައިވެ އެވެ.