ރައީސުލްުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުއާއި ނަޝިދުއާ ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމެއް އޮތް ގޮތަކަށް އޮތީ ކަމުގައި ވިދާޅުވެ، ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގައި ކުރިމަތިވެގެން ދިޔަ ގިނަ މައްސަލަތަކުގެ ސަބަބުން ދެބޭފުޅުންގެ ގުޅުމާ ގުޅޭގޮތުން، “އާސްކް ސްޕީކަރ”ގެ 3 ވަނަ ޕްރޮގްރާމުގައި އޯޑިއަންސްގެ ބައިވެރިޔަކު ކުރި ސުވާލަށް ނަޝީދު ސާފު ޖަވާބެއް ނުދެއްވިއެވެ.
“އާސްކް ސްޕީކަރ”ގެ 3 ވަނަ ޕްރޮގްރާމުގައި އިނގިރޭސިވިލާތުގައި ހުންނަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވި މި ޕްރޮގްރާމްގައި ބައިވެރިޔަކު ނަޝީދުއާއި ސުވާލު ކޮށްފައިވަނީ، ޚާއްސަކޮށް މޭމަހު ހިގައިދިޔަ ބޮމުގެ ހަމަލާއަށްފަހު ދެބޭފުޅުންގެ ގުޅުން ކިހިނެއްތޯއެވެ. ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކްފާނާއި ރައީސުލްޖުމްހޫރިއްޔާއާއި ދެބޭފުޅުންގެ ގުޅުން އޮތް ގޮތަކަށް އޮތީ ކަމުގައެވެ. އަދި ދެބޭފުޅުންގެ ގުޅުމައި ގުޅޭގޮތުން އިތުރަށް ނަޝީދު ވާހަކައެއް ނުދެއްކެވިއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އެމަނިކްފާނު ކަމުގައިވެސް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި އަދި ޕްރައިމަރީ ކާމިޔާބުކޮށްގެން އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމަށެވެ. އެހެންނަމަވެސް، 2023ގައިވެސް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް ނަޝިދު ވިދާޅުވި ނަމަވެސް، އެމްޑިޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕާޓީގެ ފަރާތުން ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ޕްރައިމަރީއަކާ ނުލާ ލިބެންޖެހޭ ކަމަށް އެޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ.
“އާސްކް ސްޕީކަރ”ގެ 3 ވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށްވެސް މި ޕްރޮގްރާމްގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން، ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.
ރައީސް ސޯލިހައި ނަޝީދުއާ ދެބޭފުޅުންގެ މެދުގައި އޮތް ގުޅުމާ ބެހޭގޮތުން މި ޕްރޮގްރާމްގައި ނަޝީދު ސާފު ޖަވާބެއް ދެއްވާފައި ނުވާއިރު، ފަހަކަށް އައިސް ދެބޭފުޅުންގެ ގުޅުން ވަރަށް ގޯސްވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. އަދި ވަކީން ޚާއްސަކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދު ގެންގުޅުއްވާ ވިސްނުމަށް ރައީސް އިބުރާހިމް މުހައްމަދި ސޯލިހުގެ ތާއީދު ނުކުރައްވާކަން ހާމަވެގެން ދިއުމަށްފަހު، އެމްޑޕީ ދެބޭފުޅުންނަށް ތާޢީދުކުރާ މީހުންގެ މެދުގައި ވަރަށް ބޮޑަށް ބެހިގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.