ގުލާބުޖާމް މީރުވެފަ، ޕޫލަރުކާންޓް ފަދަ ފިލްމު ރީތިވުމަކީ ހައްގުބަސް ބުނަން ފަސްޖެހެންވީ ކަމެއްނޫން ކަމުގައި ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ކެޕްޓަން ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ހައިޑްރޮގުރަފީ ސާވޭ ހެދުމަށް އިންޑިޔާއާއެކު ސަރުކާރުން ހެދި އެއްބަސްވުމާއި ގުޅިގެން ކުރެވެމުންދާ ބަހުސްގައި ކެޕްޓަން އިހުސާން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރި އަދި އެހާމެ އެކުވެރި ގައުމެއްކަމަށެވެ. ނަމަވެސް ގުޅުން ގާއިމް ކުރުމުގައިވެސް ހައްދެއް އޮންނަންޖެހޭ ކަމަށާއި، ޤައުމީ ސަލާމަތާއި މިނިވަންކަމަށް ހުރަސް އެޅޭގޮތުން ގުޅުން ގާއިމްކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް އިހުސާން ވިދާޅުވިއެވެ.
ގުލާބުޖާމް މީރުވެފައި ޕޫލަރުކާންޓޭ ފަދަ ފިލްމުތައް ރީތިވުމަކީ އަޅުގަނޑުމެންގެ ޤައުމުގެ ހައްގުގައި ބުނަންޖެހޭ ބަހެއް ނުބުނަންޖެހޭ ސަބަބެއްކަމަށް ދެކިލައްވާ މެމްބަރުން މަޖިލީހުގައި ތިބުމަކީ ހިތާމަހުރިކަމެއް. ހުރިހާ ޤައުމަކީވެސް އަޅުގަނޑުމެންގެ އެކުވެރިން. އެކަމަކު ވަކި ހައްދެއްގައި.
– އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހައިޑްރޯގްރަފިކް ސާވޭގައި އެއްކުރެވޭ މައުލޫމާތު ތަކަކީ ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ގުޅޭ މުހިންމު މައުލޫމާތުތަކަށްވާއިރު، މިމައުލޫމާތު ވަކި އެންމެ ގައުމެއްގެ ބާރުގެ ދަށުގައި އޮންނަ ގޮތަށް އޮތުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއްކަމަށެވެ.
ހައިޑްރޯގްރަފިކް ސާވޭގައި އެއްކުރެވޭ މައުލޫމާތު ތަކަކީ ރާއްޖޭގެ ސަރަހައްދީ ސަލާމަތާއި ގުޅޭ މުހިންމު މައުލޫމާތު. މި މައުލޫތު ވަކި އެއް ޤައުމެއްގެ ބާރު އޮންނަ ގޮތަށް ހުރުމަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، މިނިވަންކަމާއި ސަލާމަތަށް ހުރި ނުރައްކަލެއް.
– އިހުސާން ވިދާޅުވިއެވެ.
މިހާރު ލީކުވެފައިވާ ހައިޑްރޯގްރަފިކް ސާވޭގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދާއި އެތެރެވަރިއާއި ބޭރުގެ ކަނޑުގެ ސަރަހައްދުގެ ނެވިކަމުގެ ޗާޓުތައް ހެދުމުގެ ހައްގު އިންޑިޔާއަށް ލިބެއެވެ. މުހިއްމު ބަނދަރުތަކާއި ރަށްތަކުގެ ކައިރި ސަރަަހައްދުގެ ހައިޑްރޮގްރެފިކް ސާވޭ ހެދުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން އިންޑިޔާއަށް އޮންނާނެއެވެ.
އަދި ކަނޑުގެ ރައްކާތެރިކަމަށްޓަކައި، އަނެއް ޤައުމުގެ ކަނޑުގެ ސަރަަހައްދާ ގުޅޭ ގޮތުން ކޮންމެ ޤައުމަކަށްވެސް ލިބޭ މައުލޫމާތުގެ ތެރެއިން މުހިއްމު މައުލޫމާތު އަނެއް ޤައުމާ ހިއްސާކުރުން މި އެއްބަސްވުމުގައި ލާޒިމުކޮށްފައިވެއެވެ. އީމެއިލްއާއި ފެކްސް ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭ މިފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައުލޫމާތު ލިބޭ ޤައުމުތަކުން އުފައްދާ ނެވިކަމާ ގުޅޭ އުފެއްދުންތައް އަދާހަމަކުރެވޭނެ ކަމަށްވެސް އެއްބަސްވުމުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ނެވިކަމުގެ ޗާޓުތަކާއި ނެވިކަމާ ގުޅޭ ލިޔެކިޔުންތައް އުފައްދާ ޤައުމުގެ ދަރަޖަ އިންޑިޔާއަށް ދިނުމަށް މި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން މަޝްވަރާކޮށް ވިސްނަންޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއަށް ބޭނުންވާ ހައިޑްރޮގްރެފިކް ޗާޓުތައް ދިވެހިރާއްޖެއިން ގަންނަންޖެހެނީ އިންޑިޔާއިންނެވެ. އިންޑިޔާގެ ޗީފް ހައިޑްރޮގުރަފާއަށް ޗާޓުތައް ގަންނަން ރާއްޖެއިން އޯޑަރު ދޭންޖެހޭއިރު ރާއްޖެއިން ބޭނުންވާ ޗާޓުތަކާ ގުޅޭ މައުލޫމާތު ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނާ ދިވެހި ސަރުކާރުން ހިއްސާކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ ޚިދުމަތްތަކުގެ ބަދަލުގައި ޗާޓުތަކުގެ ކެޓޮލޮގު އަގުން 35 އިންސައްތަ ކޮމިޝަން ރާއްޖެއަށް ދޭއިރު، އިންޑިޔާގެ ކަނޑުގެ ސިފައިންގެ ބޯޓުތަކުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް އިންޑިޔާއިން ވިއްކާ ކޮންމެ ޗާޓެއްގެ އަގުން 25 އިންސައްތަ ރޯޔަލްޓީއެއް ދިވެހި ސަރުކާރަށް ލިބެއެވެ.
ދިވެހިރާއްޖެއިން ޗާޓުތައް ބޭނުންވެގެން އެދުމުން އެ ޗާޓުތައް އިންޑިޔާއިން ފޮނުވާނީ ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ ހައިކޮމިޝަނަށް ކަމަށާއި، އެ ހައިކޮމިޝަނުން އެ ޗާޓުތައް ދިވެހި ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ. ކޮންމެ 6 މަހަކުން ޗާޓުތައް ވިއްކުމަށްފަހު ސޭލްސް ބަޔާނެއް އިންޑިޔާ ހައިކޮމިޝަނާ ހިއްސާކުރަންޖެހެއެވެ. އެޖެންސީ ފީއާއި ޗާޓުތަކުގެ ރޯޔަލްޓީ ފިޔަވައި، ޗާޓު ވިއްކައިގެން ލިބޭ ފައިސާ ދިވެހި ސަރުކާރުން ފޮނުވަން ޖެހެނީ އެކަމަށް ކަނޑައެޅިފައިވާ އިންޑިޔާ ހައިކޮމިޝަނުގެ އެކައުންޓަކަށް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ