ފިލިޕީންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓީ، 17 މީހަކު މަރުވެއްޖެކަމަށް އެގައުމުގެ ޑިފެންސް ސެކެޓްރީ ވިދާޅު ވެއްޖެއެވެ. އަދި މި ބޯޓުގައި 92 މީހަކު ދަތުރު ކުރަމުން ދިޔައިރު، މީގެ ތެރެއިން 40 މީހަކު މިހާތަނަށް ސަލާމަތް ކުރެވިފައިވާ ކަމަށްވެސް ޑިފެންސް ސެކެޓްރީ ވަނީ ވިދާޅުވެފައެވެ.
ފިލިޕިންސްގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ޖެނެރަލް ސިރިލިޓޯ ސޮބެޖަނާ ވިދާޅުވި ގޮތުގައި C-130 މަރުކާގެ މި ބޯޓު ވެއްޓިފައިވަނީ، ފިލިޕިންސްގެ ޖޮލޯ ޕްރޮވިންސަށް މިއަދު ހެދުނު ގަޑިން 11:30ގައެވެ. މި ބޯޓު ދަތުރު ކުރަމުންދިޔައީ އެގައުމުގެ ސިފައިންގެ ފައުޖެއް ގޮވައިގެންނެވެ.
ސޮބެޖާނާ ވިދާޅުވި ގޮތުގައި ބޯޓު ވެއްޓުމުގެ ހާދިސާއިން ސަލާމަތް ކުރެވުނު 40 މީހުންނަށް މިހާރު ގެންދަނީ މިސަރަހައްދުގައި ހުރި އަސްކަރީ ހަސްފަތާލެއްގައި ފަރުވާ ދެމުންނެވެ.
ބޯޓު ވެއްޓުނު ސަރަހައްދުގައި އަލިފާން ނިއްވާ ފަތާތްތަކުން، ބޯޓު ވެއްޓުމާއެކު ރޯވެފައިވާ އަލިފާންގަޑު ނިއްވުމަށް މިހާރު ހަރަކާތްތެރި ވަމުންދާ ކަމުގައި، ފިލިޕިްިންސްގެ ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ފިލިޕިންސްގެ އަސްކަރިއްޔާގެ އިސްވެރިޔާ ސޮބެޖަނާ ވިދާޅުވި ގޮތުގައި މި ބޯޓު ވެއްޓިފައިވަނީ، ވެރިރަށް މެނީލާގެ ދެކުނުން 1،000 ކިލޯ މީޓަރު ދުރުގައި އޮންނަ ޖޯލޯ އައިންލޭންޑަށް ތިރިކުރަން މަސައްކަތް ކުރަނިކޮށް ރަންވޭއާއި ލައްވާ ނުލުމުގެ ސަބަބުންނެވެ.
"މީހުން ސަލާމަތް ކުރާ ފަރާތްތަކުން މިހާރުވެސް ދަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުން، އަހަރެމެންގެ ދުއާއަކީ ވީހާ ގިނަބަޔަކު ސަލާމަތް ވުން،" ސޮބެޖަނާ ވިދާޅުވިއެވެ.
"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް، ބޯޓު ޖައްސަން އުޅެނިކޮށް ރަންވޭއާ ލައްވާ ނުލީ، އެހެންނަމަވެސް ފަހުން، އަބުރާ ރަންވޭއަށް ޖައްސަން ކުރި މަސައްކަތުގެ ތެރޭގައި ބޯޓު ވެއްޓުނީ."
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަނިޔާވި މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންދިއުމަށް ހެލިކޮޕްޓަރ ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ވެއްޓިފައިވާ C-130 މަރުކާގެ އަސްކަރީ މަތިންދާ ބޯޓަކީ، އަސްކަރިއްޔާގައި ބޭނުން ކުރަމުން އަންނަ އެންމެ އާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ، އަދި މި ބޯޓު ވެއްޓިފައިވާ ސަރަހައްދަކީ ފިލިޕީންސް ބޮޑެތި އަސްކަރީ ބޭސްތައް ހުންނަ އެއް ސަރަހައްދެވެ.