ރައީސްއަށް މުހިންމީ ނާޤާބިލު މީހުންނަށް ބޮޑު މުސާރަ ދިނުން: ޑރ.ޖަމީލް

ރައީސްއަށް މުހިންމީ ނާޤާބިލު މީހުންނަށް ބޮޑު މުސާރަ ދިނުން: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
29 ޖޫން 2021 12:43
0

ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފުއްދައި ނުދެވުނުމަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މުހިންމީ ނާޤާބިލު މީހުން މަޤާމުތަކަށް އައްޔަންކޮށް، އެމީހުންނަށް ބޮޑު މުސާރަ ދިނުންކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދައި ނުދެވުނުނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މުހިންމީ އަރިހުގައި ތިބި ނާޤާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަދިނުންކަމަށެވެ. އިތުރަށް ގެނެވުނު ޚިދުމަތެއް، އާމްދަނީއެއް ނެތްކަމަށާއި، ޙާލަތުގެ ނާޒުކުކަން ވަޒަންނުކުރެއްވޭތީ ޙައިރާންވެ ވަޑައިގަންނަވާކަމަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ކޯވީޑް-19އާއި ގުޅިގެން ސަރުކާރުން ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ބުނާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު ހަރުދަނާ ކަމެއް ނެތްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ކޯވީޑާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް އިތުރުވެފައިވާއިރު، ބައެއް ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ފައިސާދޭ މައްސަލާގައިވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ދައުލަތުގެ ޚަރަދުތައް ބޮޑުވެފައިވާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިއްޔެވެސް ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް ދެ ބޭފުޅަކު އައްޔަންކުރައްވާފައެވެ. މިސަރުކާރުގައި ސިޔާސީ މަޤާމުތައް ދަށްކުރައްވާނެކަމުގެ ވަޢުދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާއިރުވެސް، ކުރީ ސަރުކާރުތަކަށްވުރެ މި ސަރުކާރުގައި ސިޔާސީ މަޤާމުތައް އިތުރުކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.