މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާތީ، މަގު ހެދުމުގެ ބޮޑޫ މަޝްރޫޢު ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިން" މަސައްކަތުގެ ދަށުން، މާލޭގެ މަގުތަށް ތަރައްޤީކުރަނީ މަގުތަކުގެ އަޑީގައިހުރި މައްސަލަތައް ޙައްލުކޮށް ގައު އަތުރައިގެންނެވެ. މިއީ 400އަށްވުރެ ގިނަ މަގެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއާއެކު އެއްބަސްވެފައިވަނީ މާލޭގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދުގެ ދައުރުގައެވެ.
މާލޭ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހެންވޭރު އުތުރުގެ 13 މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. އެއީ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ. މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހަދާނެއެވެ.
ނަމަވެސް އެ މަޝްރޫޢޫ މަޑުޖެހިފައިވާތީ، އެދާއިރާގެ ކައުންސިލް މެންބަރުން ވަނީ އާރުޑީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ)އާއި ބައްދަލުކުރައްވާފައެވެ. މިކަމާއި މީކޭ ވިދާޅުވީ، މާލޭ މަގު ހެދުމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭ މޭޔަރގެ އެދިލެއްވުމާއި އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެނައުމަށް ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ މާލެ ވަށާ 4 ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތްކަމަށް މޫކޭ ވިދާޅުވިއެވެ.
މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭ މޭޔަރގެ އެދިލެއްވުމާއި އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެނައުމަށް ކަމުގައި ދަންނަވަން. އެގޮތުން މިހާރު ކުރިޔަށް ދަނީ މާލެ ވަށާ 4 ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތް (2/2)
— Moosa Ali Manik ?? (@VMookey) June 28, 2021
މާލޭގެ މޭޔަރުކަމަށް ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގެން މާލޭގެ މަގުހެދުމުގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާއިވާއިރު، މޭޔަރު ވިދާޅުވި ސިޓީ ކައުންސިލުން ދެން ފުރަތަމަ މަސައްކަތް ފަށާނީ މާލޭގެ ވަށަމަގުގައި ތާރު އެޅުމުގެ މަސައްކަތާއެކު ކަމަށެވެ. ސިނަމާލެ ބްރިޖުގެ މަސައްކަތާއެކު މާލޭގެ ވަށަމަގުގައި ތާރުއެޅުން ކުރިއަށްގެންދިޔައީ، އިންޑަސްޓްރިއަލް ޒޯނުން ފެށިގެން އިރަށް ހުޅުމާލެ ފެރީ ޓަރމިނަލާ ހަމައަށެވެ. އަދި ޢިއްޒުއްދީންމަގުން ބައެއްވެސް ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މޭޔަރ ވިދާޅުވީ ތާރުއަޅައިގެން އެމަގު ތަރައްޤީކުރުމާއެކު، ވެހިކަލް ދުއްވަން ފަސޭހަވުމުގެ އިތުރަށް އެތެރޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުމަށްވެސް ލުއިތައް ލިބުނުކަމަށެވެ.
ސިޓީކައުންސިލްގެ މިހާރުގެ ވިސްނުމަކީ ވަށަމަގާއެކު ޢާންމުކޮށް ބޭނުންކުރާ، ބާރުބޮޑުވާ ބައެއް ބޮޑެތި މަގުތައްވެސް ތާރު އަޅައިގެން ހެދުންކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. މަސައްކަތް ފުރަތަމަ ފެށީ މާފަންނު ހުޅަނގުގައެވެ. މީގެތެރެއިން ބައެއް މަގުތަކުގެ މަސައްކަތް ނިންމައި މިހާރުވަނީ ބޭނުންކުރަންވެސް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ