އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި ވަކާލާތުކުރި ކަމެއް ނޫން: ޑރ. އިޔާޒް

އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި ވަކާލާތުކުރި ކަމެއް ނޫން: ޑރ. އިޔާޒް

Author
ޢަލީ އާދަމް
28 ޖޫން 2021 06:41
0

އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެކަމަށް ވަކާލާތުކުރި، ވަކާލާތުކުރާ އަދި ވަކާލާތުކުރާނެ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒު މިހެން ވިދާޅުވީ އަންހެނުން ޚިތާނުކުރުމަށް ހިތްވަރުދޭފަދަ ގޮތަކަށް ކުރެއްވި ޓުވީޓް ތަކެއްގެ މައްސަލަ ހޫނުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށް ހުށަހެޅުމުގެ އިތުރުން އިޔާޒް ދެއްކެވި ވާހަކަތަކާގުޅޭ ޝަކުވާއެއް އިސްލާމިކް މިނިސްޓްރީންވެސް މިހާރު ގެންދަވަނީ ބައްލަވަމުންނެވެ.

މިކަމާގުޅިގެން ޑރ. އިޔާޒު ނެރުއްވި ނޫސްބަޔާނެއްގައި ވަނީ އަންހެނުން ޚިތާނު ކުރުމުގެ މަޢުލޫގައި ކުރެއްވި ޓްވީޓަކާއި ގުޅިގެން ބަޔަކު އެބޭފުޅާއާއިމެދު ނަފުރަތު އުފައްދަމުން ގެންދާ ކަމަށެވެ. އަދި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މި މަޢުލޫގައި ޓުވީޓު ކުރެއްވީ، އެ ކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން، އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށް ކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މި ދަރަޖައަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވާހަކަދައްކަވާފައިވާ މައްސަލައަކީ ދީނުގައި އަސްލެއް ނެތްކަމެއް ކަމަށް ބުނުމަކީ އިލްމީ ގޮތުން ސައްހަ ބުނުމަކަށް ނުވާނެ"

– ޑރ. އިޔާޒް

ޑރ. އިޔާޒުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި އަންހެނުން ހިތާނު ކުރުމުގެ ނަމުގައި އަންހެނުންނަށް ލާއިންސާނީ އަނިޔާތައްދޭ ކަމަށާއި އަނެހެނުނަށް ދޭ އަނިޔާއަކީ ކަނޑައެޅިގެން ހަރާމް އަދި އިސްލާމީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.

"އިސްލާމް ދީނުގެ މުހިންމު ގިނަމައްސަލަތަކެއް ހުރިއިރު، އަދި ރާއްޖޭގެ މައްޗަށް ލާދީނިއްޔަތުގެ ނުރައްކާތެރި ވިލާގަނޑެއް ނަގާފައިވާ މި ދަނޑިވަޅުގައި މި މައްސަލައިގެ މައްޗަށް ގިނަ ބަހުސްތަކެއް ކުރުމުގެ އެއްވެސް ފައިދާއެއްނެތެވެ"

– ޑރ. އިޔާޒް

އިޔާޒް ވިދާޅުވީ އިލްމީ ހަގީގަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން، އެބޭފުޅާއާއިމެދު ނަފްރަތު އުފައްދައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މައްސަލަވައްދައި އިލްމީ މުއައްސަސާއެއްކަމަށް ބުނެވޭ މުއައްސަސާއަކުން ވަޒީފާގެ ބިރުދައްކައި، އެމަނިކުފާނާ ދެކޮޅަށް ދޮގު ބުހުތާނު ހަދައި، ކާޓޫނުކުރަހާ، އަބުރަށް އަރައިގަނެ، މި ހުރިހައި ކަމެއް ވެގެންދާއިރު ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ހަނުތިއްބަވައި، ލާދީނީ މީހުން އެމީހުން ބޭނުންހާގޮތަކަށް ދީނީ އިލްމުވެރިންގެ އަގުވައްޓާލަމުން ދާދިއުން ކުއްވެރި ކުރައްވާ ކަމަށެވެ.

އަންހެނުން ޚިތާނު ކުރުމުގެ މަޢުލޫގައި ދެއްކެވި ވާހަކައެއްގެ ސަބަބުން، އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ، ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅު ނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މާފަށް އެދި ވަޑައިގަންނަވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.