މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަށް ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަންކުރައްވައިފި އެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހ. ސުނާރު، ޚަދީޖާ ނަސީމެވެ.
ޚަދީޖާ ނަސީމް، ވަނީ އެންވަޔަރަންމަންޓް ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އަދި އެކަމަނާއަކީ ބައިނަލް އަޤްވާމީ އަދި ރާއްޖޭގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެކިފަންތީގެ މަޤާމުތަކުގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ޚަދީޖާ ނަޞީމް ސްޓޭޓް މިނިސްޓަރކަށް އައްޔަންކުރައްވާފައި ވަނީ ކުރިން އަދާކުރައްވަމުން ގެންދެވި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ މަގާމުން ވަކިކުރައްވާފައެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިއަދު އައްޔަންކުރެއްވީ ގ. ކަނޑުވައިގެ، އަޙްމަދު އަފްޟަލް އިބްރާހީމެވެ.
އަޙްމަދު އަފްޟަލް ވަނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކުރިއޭޓިވް ޓެކްނޮލޮޖީއިން، ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް ( އޮނާސް) އިން މޮބައިލް ކޮމްޕިއުޓިން ޙާޞިލުކުރައްވާފައެވެ. އަފްޟަލަކީ މީގެ ކުރިން ސަރުކާރުގެ އިދާރާތަކާ އަމިއްލަ ކުންފުނިތަކުގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގަ އެވެ.
ކޮމެންޓު ފޮނުވާ