ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގަތް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވުމާ ގުޅިގެން، އޮސްޓްރެލިއާގައި ދިރިއުޅެމުންދާ ދިވެހިން ބޭއްވި ޚާއްސަ ހަފްލާއެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވެސްޓަރން އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަށް މި އިންތިޚާބު ކާމިޔާބު ކުރެވުމަކީ ބައިނަލްއަޤްވާމީ ދުނިޔެއިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގެންފައިވާކަމުގެ ހެއްކެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާ ހަރުދަނާކޮށް ގެންގުޅުއްވާކަމަށްޓަކައި މިއަދުވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ހަމައެއާއެކު މި ކާމިޔާބަކީ ހުރިހާ ދިވެހިންނަށް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަދާކުރެވިދާނެ ރޯލު ފެނިގެން ހިނގައްޖެކަމަށާއި، އަދި ދިވެހިރާއްޖެއަށް މިވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ލީޑަރޝިޕް ދައްކަން ފުރުސަތު ލިބިފައިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި ދިވެހި ޚާރިޖިއްޔާގެ މުވައްޒަފުން ދެމިތިބެނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުވިއެވެ.
ރާއްޖެއިން ބޭރުގައި އެކި ބޭނުންތަކަށް ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ އޮތް ވަގުތަކަށްވުމާއެކު، ދިމާވާ ދަތިތަކާއެކުވެސް ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
އޮސްޓްރޭލިއާގައި މިއަދު ބޭއްވި އެގައުމުގައި ދިރިއުޅޭ އަދި ކިޔަވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ