އެމްޑީޕީގެ މެއި ހައެއް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނާއި ބައްދަލުކޮށްފިއެވެ.
މިބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ކުރިއަށްދާ އިންކުއަރީގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުން ފިލުވާފައެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޭ 6 ކޮމިޓީގެ މުޤައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުވައި އާންމު މެމްބަރުންނައި ހަމައަށް ހަމަލާގެ ކަންކަން މިހާރު ބެލިފައިވާ މިންވަރާއި، ހާމަކުރެވެން އޮތް މައުލޫމާތުތައް ހާމަކުރާނެކަމަށެވެ. ޢަފީފް ވިދާޅުވީ މިހަމަލާގެ ތަހުގީގު ހިންގާ އެންމެ އިސްފަރާތްކަމަށްވާ ފުލުހުންގެ މުއައްސަސާއާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 8 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
އަދި ހަމަލާއާގުޅިގެން ކުރިއަށްދާ ތަޙުޤީގާއި އެނޫންވެސް ކަންކަމާއި ގުޅޭ މައުލޫމާތު ހޯދައި މެންބަރުންނާއި ޙިއްސާކުރުމަށް ޕާޓީގެ ތެރެއިން ކޮމިއުނިކޭޝަން ޓީމެއް ކަނޑައަޅާފައިވާއިރު، އެޓީމުން ސޯޝަލް މީޑިއާއާއި އެނޫންވެސް ގޮތްގޮތުން އާންމުނަށް މައުލޫމާތު ފޯރުކޮށްދިނުމަށްވަނީ ނިންމާފައިކަމަށް ކޮމިޓީން ވިދާޅުވިއެވެ. އެގޮތުން ކޮމިއުނިކޭޝަންގެ އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް ވިދާޅުވީ މިވަގުތު އެމްޑީޕީން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަނީ ދެ ކަމެއް ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތް އެމްޑީޕީން ގާތުން ބަލަމުން ދިޔުމެވެ. އަނެއްކަމަކީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ.
ޙަސަން އަފީފް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޗަނުންވެސް މިމައްސަލައާ ގުޅިގެން އެންމެ އެކަށީގެންވާ ގޮތުގައި ހަރަކާތްތެރިނުވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮސްފައިވާކަމަށާއި، އެކޮމިޝަނުން މި ހަމަލާއާއި ގުޅިގެން މިހާތަނަށް ކޮށްފައިވާ ކަންކަން ދެނެގަތުމަށް މަސައްކަތްކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ