ނަފްރަތު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ ހޮޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުން ބަންދު ވެގެންދާނެ

ނަފްރަތު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ ހޮޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުން ބަންދު ވެގެންދާނެ

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 12:30
0

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ ހޮޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުން ބަންދު ވެގެންދާނެކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިބިލަށް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް "ޚަބަރު އޮންލައިން" އަށް ވަނީ ލިބިފައެވެ. އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ޚިލާފަށް އުޅޭ މީހެއްކަމަށް ނުވަތަ ދީނާއި ދެކޮޅު މީހެއްކަމަށް ބުނެފައިވާ މާއްދާގައި މިހާރު އިސްލާހު ކުރަން ހުށަހަޅާފައިވާ މާއްދާ އޮތްގޮތުން ދީނާ ޚިލާފު ވާހަކަ ދައްކާ ދީނަށް ޖޯކު ޖަހާ، ކުރެހުންތައް ކުރަހާ ދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި، މުޖްތަމަޢުގައި ފާހިޝް ޢަމަލު ފަތުރާ ފަރާތްތަކާއި، ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކާއިމެދު މުޖްތަމަޢު ހޭލުންތެރި ކުރުވައި، އެމީހުންގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމަށް، އެމީހަކު އެކުރާކަމަކީ ދީނާ ޚިލާފު ކަމެއްކަމާއި، އެކަމަށް ކަނޑައެޅިފައިވާ އުޤޫބާތް ބަޔާންކުރުމާ،. އެކަމުގެ މަތީގައި ދެމިހުރެއްޖެނަމަ އޭނާއަކީ ދީނާ ދެކޮޅު މީހަކުކަން ބުނުން ކުށަކަށް ވެގެން ދާނެކަމަށެވެ.

އެކަންކުރާ މީހާއާއި، މީހުން މަރާމީހުންނާއި، އެއްޖިންސުން ގުޅުންހިންގުމަށް ގޮވާ މީހުންނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުކުރަހާ މީހުންނާއި، މާތް ﷲ އަށް ބަދުބަސް ރައްދުކުރާ މީހުންނަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ބައެއްކަން ބަޔާންކުރުން މާއްދާތަކުގެ ސަބަބުން މަނާވެގެންދާކަމަށް އިސްލާމިކް މިނިސްޓްރީގެ އިސްލާހުގައި ބުނެފައެވެ. އަދ ވަކި ފަރުދެއް ނުވަތަ ޖަމާޢަތެއްގެ ފަސާދަ ބޮޑުވެ، ފާޅުގައި ދީނާ ދެކޮޅުވެރިވެ މުޖްތަމަޢުގައި ފާހިޝްކަންކަމާއި ފިތުނަވެރިކަން ޢާންމުކޮށް ފަތުރާ މީހަކު ހުއްޓުވުމަށް ފާޅުގައި އެމީހަކާ ނުވަތަ އެޖަމާޢަތަކާ ދެކޮޅު ހެދުމަކީ އެކަމުގެ ޢިލްމު ލިބިގެންވާ މީހުންގެ މައްޗަށް އޮތް ވާޖިބެއްކަމަށް ވަނީ ބުނެފައެވެ.

އިސްލާމްދީނުގައިވާ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ ތެރެއިން އައިސްފައިވާ މި މަތިވެރި ވާޖިބަށް (މި އުންމަތް އެންމެ ހެޔޮ އުންމަތްކަމުގައި ވި ސަބަބު) މިހާރު ބިލުގެ 124 ވަނަ މާއްދާގެ 1، އަދި 2 ވަނަ މާއްދާގެ ސަބަބުން ހުރަސްއެޅި އެއީ ޤާނޫނީ ކުށަކަށް ވެގެން ދާކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިސްލާމީ ފޭރާން ބަލިކަށިވެ، އިސްލާމް ދީނަށްޓަކައި އޮންނަ ޣީރަތްތެރިކަން ނެތިގޮސް މުންކަރާތްތައް ލޮލުގެ ކުރިމަތީގައި ހިނގާއިރު، އެކަން މަނާ ކުރުމަށްޓަކައި ވާހަކަ ދެއްކުމަކީ ޤާނޫނީ ކުށަކަށްވެ، މުޖުމަޢުގައި ދީނަށް ދެވިފައިވާ ޙުރުމަތާއި ޤަދަރު ކުޑަވެގެން ދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރަށް މި އިޞްލާޙުތަކަކީ އިސްލާމީ ޝަރީޢަތާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ބައިނަލްއަޤްވާމީ ހަމަތަކާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލާޒިމު ކުރާ އިލްތިޒާމުތަކާ ޚިލާފު، މުޖުތަމަޢުގައި ނަފުރަތާއި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު އިސްލާޙު ތަކެއްކަމަށާއި، މިބިލު ފަރުމާކޮށްފައި އޮތް ގޮތަށް ފާސްވެއްޖެނަމަ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ މައްޗަށްއޮތް ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގެ ބަންދުވެގެންދާނެކަމަށް ވަނީ ބުނެފައެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއިގުޅޭގޮތުން އޮތް މާއްދާއާއި ގުޅިގެން މިނިސްޓްރީން ބުނެފައިވަނީ މުސްލިމަކު ކާފިރު ނުކުރެވުމުގެ (ތަކްފީރުކުރުން) އުޞޫލަކީ އިސްލާމީ ހަރުދަނާ އުޞޫލެއްކަމަށްވިޔަސް މިތަނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައި މުސްލިމުންގެ ގޮތުގައި ބަލާނެ މިންގަނޑުތަކާއި އިސްތިސްނާ ޙާލަތްތަކެއް ހިމެނިފައިނުވާކަމަށެވެ.  އެގޮތުން އަމިއްލައަށް މުރުތައްދެއްކަމަށް ނުވަތަ ފާސިޤުއްކަމަށް ނުވަތަ ކާފިރެއްކަމަށް އިޢުލާނު ކުރާ މީހުންނާމެދު މީހުން ސަމާލުކޮށް އެފަދަ މީހުންގެ ވާހަކަދައްކަންޖެހޭފަދަ ތަންތަނުގައި އެވާހަކަތައް ދެއްކުމަކީ ކުށެއްގެ ގޮތުގައި ވެގެންދާފަދަ ގޮތަކަށް މިމާއްދާ މިހާރު އޮތްކަން ފާހަގަކުރެވޭކަމަށެވެ. އަދި ކުފުރުވުން، ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކޮބައިކަމާއި، ކުފުރުވެރި ވާނެ ޙާލަތްތައް މިބިލުން އެނގެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގޭ ނަފްރަތުގެ ޢަމަލުތަކަކީ (އިސްލާމޮފޯބިއާ) ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރިގެން އަންނަ ނަފްރަތުގެ އެއް ބާވަތް ކަމުގައެވެ. އިސްލާމީ ޤައުމެއްގައި ނަފްރަތުގެ ޢަމަލުތައް ކުށްވެރިކުރެވޭ ހިނދު މިކުށް ހިމަނަންޖެހޭނެ ކަމަށް ހުށަހެޅި އިސްލާހުތަކުގަިއ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.