ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނީ، އެޤައުމުގައި ހުންނަވާ ރާއްޖޭގެ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ ގެކޮޅުގައި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދޮގުކޮށްފިއެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އެޤައުމުގައި ހުންނަވަނީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަހީދުގެ ގެކޮޅުގައިކަމަށްބުނެ އޮންލައިން ނޫހަކުން އާންމުކޮށްފައިވާ ޚަބަރާއި ގުޅިގެން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަޙްނާޒް ފައިޞަލް ވިދާޅުވީ ފަތުރާފައިވަނީ ކަނޑައެޅިގެން ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެފަދައިން ޚަބަރު ފަތުރާފައި ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި އެމްބަސީގެ އަގުވައްޓާލައި ބަދުނާމުކުރުމަށްކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
Absolutely 100% fake news! Shame on @DhiyaresNews to even call yourself journalists! Totally despicable & horrendous smear attempt on the Deputy HC & the whole of Maldives High Commission team in London. https://t.co/CbjuCdy1vP
— Farah Faizal ??? (@DrFarahFaizal) June 23, 2021
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ފަރާތުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތަކަށް އެދިވަޑައިގަތުމުން، ކްރިމިނަލް ކޯޓުން ވަނި އެ އިންތިޒާމް ހަމަޖައްސައިދެއްވާފައެވެ. އެގޮތުން އެމައްސަލައިގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު މިދިޔަ ހޯމަ ދުވަހު ވަނީ ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންގޮސްފައެވެ.
ނަމަވެސް އަލީ ވަހީދު ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ އަޑުއެހުމެގައި ބައިވެރިވެވޭ ގޮތަށް ކުރިމިނަލް ކޯޓު ނިންމެވުމުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. އަދި އެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަނީ ނިންމަވާފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުގައެވެ. ނަމަވެސް، އަނބުރާ ރާއްޖެ ވަޑައިގަތުމުގެ ހަތަރު މަހުގެ މުއްދަތު ހަމަވިއިރު ވެސް ޖިންސީ އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަލީ އަނބުރާ ގެނެވިފައިނުވާތީ ގިނަ ބަޔަކު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަލީ ވަހީދު ބޭސް ފަރުވާއަށް ކަމަށްބުނެ ޔޫކޭގައި އުޅޭތާ މިހާރު އެތައް ދުވަހެއް ވެފައިވާއިރު ޝަރީއަތް ފެށުމާއި ހަމައަށް ސަރުކާރުން ބުނަމުން އައީ އަލީ ވަހީދު އުޅުއްވާތަނެއް ވެސް ނޭނގޭކަމަށެވެ.
ކޮމެންޓު ފޮނުވާ