ހުޅުނގުގެ ފަލްސަފާތަކަށް ދިވެހި ރައްޔިތުންގެ ކަންކަން ބައްޓަންކޮށް، ކަންކަން ބަދަލުކުރާކަމުގައިނާމަ ދިވެހިންގެ ރީތި އާދަކަތާއި މިނިވަންކަން ގެއްލިގެންދިއުމުގެ ބިރު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް މުޖުތަމައުގައި ފެންނަމުންދާ ނުރައްކާތެރި ނޭއްގާނީ އަމަލުތަކާއި، ފާހިޝް ކަންތައްތަކައި ގުޅިގެން ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި، ސަޤާފަތާއި، ރީތި އާދަކާދަތަކާއި ނުގުޅޭ ހުޅަނގުގެ ފަލްސަފާތައް ގެނެސް އެކަންކަން އާންމުކުރަން މަސައްކަތް ކުރާކަމުގައިވާނަމަ ނަތީޖާ އެހާ ރަނަގޅު ނުވާނެކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ ޤައުމުގެ އިޖުތިމާއީ ފޭރާންނެތި، މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރައިގެން ދިއުންކަމަށެވެ.
ހުޅަނގުގެ ފަލްސަފާތަކަށް އަމަލުކޮށް، އެއަށް ތަބާވާން ވެއްޖެކަމުގައި ވާނަމަ، މުޖުތަމައު ފަސާދަވެ، ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވެ، މިނިވަންކަން ބީވެގެން ދިއުމުގެ ފުރުސަތުވެސް ބޮޑުކަމަށް ސައުދު ވިދާޅުވިއެވެ.
އިސްލާމީ ތަރުބިއްޔަތާއި، ސަގާފަތާއި ގައުމިއްޔަތާއި ނުގުލޭ ހުޅަނގުގެ ފަލްސަފާތަކަށް ކަންކަން ބައްޓަން ކުރާނަމަ ގައުމުގެ އިޖުތިމާއީ ފޭރާން ކުށުގެ ވެށިން ތަޣައްޔަރުވެ މުޖުތަމައު ފަސާދަވެ ރައްޔިތުންގެ ފުރާނަޔާއި މުދަލުގެ ރައްކާތެރިކަމާއި ގައުމުގެ މިނިވަންކަން ގެއްލި ހިގައިދާނެ.
– ސައުދު ވިދާޅުވިއެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން މެރުމާއި، ވައްކަމާއި ފަސާދައިގެ ކަންކަން އާންމުވެ މުޖުތަމައުގެ ވަނީ ބޮޑު ބިރުވެރިކަމަށް ވެއްޓިފައެވެ. އަދި ދާދިފަހުން ޤާނޫނުލް އުގޫބާތަށް ސަރުކާރުން ހުށަހެޅި އިސްލާހަށްވެސް ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. މިފަދަ އިސްލާހެއްގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ވެށި ހަލާކުވެ ރައްޔިތުގެ މެދުގައި އޮންނަ ސުލްހަ މަސްލަހަތު ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޤާނޫނުލް އުޤޫބާތަށް ހުށަހަޅާފައިވާ މި އިސްލާހާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިންގެ ކަންބޮޑުވުން ސީދާ ރައީސް ޞާލިހަށްވެސް ވަނީ ހުށަހަޅާފައެވެ. ބިލުގެ މަސައްކަތް މަޖިލީހުގައި މިހާރު ކުރިއަށްދާއިރު، މިބިލާއި ދެކޮޅުގެ ހެދުމުގެ ގޮތުން ގިނަ ކައުންސިލްތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ދަނީ ބަޔާން ނެރެމުންނެވެ. މީގެ ތެރޭގައި ވެރިކަން ކުރާ އެމްޑިޕީއަށް ނިސްބަތްވާ މެމްބަރުން ހިމެނޭ ކައުންސިލްތަކާއި ޖަމްއިއްޔާތައްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ