ހިޔާ އެގްރީމެންޓުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ: އެޗްޑީސީ

ހިޔާ އެގްރީމެންޓުގައި ސޮއިކުރާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ: އެޗްޑީސީ

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 09:58
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްތަކުގައި ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ވެރި ފަރާތަށް ތަޅުދަނޑި ޙަވާލުކުރާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓް އެކުލަވާލައި ގުރުއަތު ނެގުމުގެ މަސައްކަތް ފަށާފައިވަނީ އޭޕްރިލްމަހުގެ ތެރޭގައެވެ. ހިޔާ ފްލެޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސުހައިލް ވިދާޅުވީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން ހައުސިންގ މިނިސްޓްރީން އެ ކޯރޕަރޭޝަނަށް މިހާތަނަށް ހިއްސާކޮށްފައިވާ ލިސްޓުތަކުގައި ހިމެނޭ އެންމެންގެ ގުރުއަތުނަގެން ނިމިފައިވާކަމަށެވެ.

ސުޙައިލް ވިދާޅުވީ، ކޮންޓްރެކްޓަަރުގެ ފަރާތުން ހިޔާ ފްލެޓްތަކުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ނިންމާ، 6720 އެޕާޓްމަންޓުގެ ތަޅުދަނޑިތައް އެކޯރޕަރޭޝަނާއި މިހާރު ޙަވާލުކޮށްފައިިވާކަމަށެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން އެތަންތަން އިންސްޕެކްޓްކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ އެކަންކަން ކޮންޓްރެކްޓަރ ލައްވާ ކުރުވާފައިވާކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން ޖުލައި 14 ގައި ފެށުމަށް ވަނީ ނިންމާފައެވެ. ސުޙައިލް ވިދާޅުވީ، އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުރަވީ ސްކޫލުގެ ހޯލުގައިކަމަށެވެ. މި މަޝްރޫޢުގެ ދަށުން 16 ޓަވަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާއިރު، އެގްރީމެންޓްތަކުގައި ސޮއިކުރުން ކުރިއަށްދާނީ ޓަވަރުތަކުގެ ތަރުތީބުންކަމަށާއި، އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ ކުރިން ފްލެޓްތަކުގެ ވެރިފަރާތައް ގަޑިއާއި ދުވަސް ކުރިއާލާ އެޗް.ޑީ.ސީގެ ފަރާތުން އަންގަމުންދާނެކަމަށްވެސް ސުޙެއިލް ވިދާޅުވިއެވެ.

އަގު އަދާކުރުމުގައި ޑައުންޕޭމަންޓާ ނުލާ ފްލެޓަށް ވަދެވޭނެ ސްކީމެއްވެސް ހިމެނެއެވެ. ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7500 ރުފިޔާއެވެ. އަދި މެނޭޖްމަންޓް ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ. މި ސްކީމްތަކުގައި ފްލެޓަށް އަގު ދެއްކުމަށް 25 އަހަރަށް ބަހާލެވެއެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ވިޔަފާރިތަކާއި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށެވެ. މިއީ ހިޔާ މަޝްރޫޢުއިން އުނިކުރި 280 ޔުނިޓް ސަރަޙައްދުގައި ހަދާ ތަންތަނެވެ. މީގެތެރޭގައި ކުދި ފިހާރަތަކާއި، ސުޕަރ މާކެޓާއި، ބޯކޮށާ ތަންތަނާއި، ބުކްޝޮޕާއި، ބޭސްފިހާރައާއި، ކްލިނިކާއި، ކެފޭ ރެސްޓޯރަންޓްފަދަ ޚިދުމަތްތަކަށް ޖާގަވަނީ ކަނޑައަޅާފައެވެ.

ހިޔާ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ހިޔާގެ 6720 ހައުސިންގ ޔުނިޓަށް 25000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.