ޢާންމުކުރާ ރިޕޯޓުން ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން އުނިކުރާނަން: އަސްލަމް

ޢާންމުކުރާ ރިޕޯޓުން ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން އުނިކުރާނަން: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 02:20
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ބަލިކަށިކޮށް ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ފަހު އެކުލަވާލާ ރިޕޯޓްގެ ބައެއް ސިއްރު ކުރާނެ ކަމަށް އިންކުއަރީ ހިންގާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ ބާކީ އޮތް ހަފުތާގެ ތެރޭގައި އިތުރަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ނިމި ރިޕޯޓް އެކުލަވާލެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީއަށް މިހާތަނަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ކަމާގުޅުހުންހުރި މުއައްސަސާތަކުގެ މަސްޢޫލުވެރިންކަމަށެވެ. އެގޮތުން ސިފައިންގެ އިސްވެރިން ހިމެނޭހެން ޖުމްލަ 32 އޮފިސަރަކާއި އިންކުއަރީގައި ސުވާލުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ސިފައިންގެ އިސްވެރިން ހިމެނޭހެން ބައެއް އޮފިސަރުންނާއި ދެފަހަރަށް ސުވާލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ފަސް ފަރާތަކާއި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރު އަދި ޕްލޭންނިން މިނިސްޓަރާއި ގަވަރަނަރު ހިމެނޭހެން އެމްއެމްއޭގެ އިސްފަރާތްތަކާއި ބައްދަލުކޮށްފައިވާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ލިބުނު ހުރިހާ މައުލޫމާތެއް، ހުށަހެޅުންތަކެއް، ރިޕޯޓްގައި ލިޔާނެ، އެކަމަކު އޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ހާމަ ނުކުރެވޭ ބައިބައި ހުންނާނެ، އެބައި އަޅުގަނޑުމެން ރިޕޯޓް އާންމު ކުރާއިރު ނުކުރާނެ.

– އަސްލަމް ވިދާޅުވިއެވެ.

އިންކުއަރީއަށް 241 ކޮމިޓީން ދެން ބައްދަލުކުރާނީ ރައީސް ނަޝީދަށް ދިން ހަމަލާއާގުޅިގެން އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ތަޙުޤީގު ހިނގާ ނުހިނގާގޮތް ބެލުމަށް ރައީސުލްޖުމްހޫރިިއްޔާ ޚާއްސަ މަންދޫބް، އައްބާސް ފާއިޒްއާ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ މަޖިލީހުން ހިންގާ މިއީ އެންމެ ބޮޑު އިންކުއަރީއެވެ. މިހާ ގިނަ އަދަދެއްގެ މީހުން، އެއް މައްސަލައަކަށް ހާޒިރު ކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ. 49 މީހުން ހާޒިރުކުރިއިރު ގިނައީ ސިފައިންގެ މީހުންނެވެ. ސިފައިންގެ 32 މީހަކު ހާޒިރުކޮށްފައިވެއެވެ. ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި، ރައީސް ނަޝީދުގެ ޑްރައިވަރާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ކްލޯސް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިންނާއި ދިފާއީ ބާރުގެ އިސް ވެރިން ވެސް ހާޒިރުކުރިއެވެ.

މި އިންކުއަރީއަށް މިހާތަނަށް ޖުމަލް 49 ފަރާތަކާއި ކޮމިޓީންވަނީ ބައްދަލުކޮށްފައި. އިންކުއަރީގެ މަސައްކަތަށް މިހާތަނަށް ކޮމިޓީގެ 79 ބައްދަލުވުން ވަނީ ބާއްވާފައި. އެކަމަށް 147 ގަޑިއުރު ހޭދަވި. އިންކުއަރީ ގެ މަސައްކަތް ކުރިން ނިންމާލަން ކަނދައެޅި މިމަހުގެ 23 އަށް ނަމަވެސް އަދި އިތުރު ހަފްތާއެއް ރިޕޯޓު ނިންމާލަން ހޭދަވާނެ.

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިއަދު އިތުރަށް ވިދާޅުވީ އިންކުއަރީގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާތީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކޮމިޓީން ފަށާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.