މާލެ ސަރަހައްދުގައި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިތުރުކޮށްފިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިހާރު އެޗްޕީއޭއިން ވަނީ ލުއިދީފައެވެ. މިއާއެކު ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު ވަނީ އިތުރުކޮށްދީފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން ގެނައި ބަދަލުގައި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު ވަނީ އިތުރު 2 ގަޑިއިރަށް އިތުރުކޮށްފައެވެ. އެހެންކަމުން މިދެވުނު ލުޔާއެކު ހުއްދަ ނަގައިގެން، ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00 އަށް ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ފުރުސަތުވަނީ ދީފައެވެ. އަދި ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް، ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ދެވޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެކުރިން ފިހާރަތައް ހުޅުވާފައި ހުންނަނީ ހަވީރު 4:00 ޖަހަންދެނެވެ.
އެޗްޕީއޭއިން ދިން ލުއިތަކާއިއެކު ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކް އަވޭގެ ޚިދުމަތް ދިނުމަށްވެސް ވަނީ ހުޅުވާލާފައެވެ. ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން އަދިވެސް ވަނީ ހުއްޓާލާފައެވެ. ޓޭކްއަވޭއަށް ހުއްދަ ދިންނަމަވެސް ހަވީރު 6:00 އިން ރޭގަނޑު 12:00 އަށް ދެވޭނީ، ހަމައެކަނި ޑެލިވަރީގެ ޚިދުމަތެވެ.
ކޮމެންޓު ފޮނުވާ