މަސައްކަތްތައް ނިންމުމަށް، ޖުލައި 8 އާއި ހަމައަށް ދައުރު ދަންމާލަނީ

މަސައްކަތްތައް ނިންމުމަށް، ޖުލައި 8 އާއި ހަމައަށް ދައުރު ދަންމާލަނީ

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 10:36
0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 8 ވަނަ ދުވަހާއި ހައަމަށް ދަންމާލުމަށް ނިންމައިފިއެވެ.

މަޖިލިސްގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސްގެ ރިޔާސަތުގައި އިންނެވި ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސްގެ ބައެއް ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ނިންމުމަށް ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއަދުގެ ވޯޓު ގަޑީގައި މިކަމަށް ވޯޓަށް އެހިގެންދާނެކަމަށެވެ.

މަޖިލިސް ކޮމިޓީތަކުގައި ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މަޖިލީހުން ކުރަމުންދަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ އިންކުއަރީއެވެ. މިމަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ. ކޮމިޓީން ދަނީ ތަހުގީ އިދާރާތަކާއި، ވަކިވަކި ސިފައިންނާއި ފުލުހުންނާއި، ވަޒީރުންވެސް ހާޒިރުކޮށް ސުވާލު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގެ ޗުއްޓީ ދުވަސްތައް ސްކޫލުތަކުގެ ޗުއްޓީ ދުވަސްތަކާއި ދިމާވާ ގޮތަކަށް ބަދަލު ގެނައުމަށް ރައްޔިތުން މަޖިލީހުން ފާސްކުރި އުސޫލުގައި ބުނާގޮތުން ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ލިބޭ ޗުއްޓީ ދިމާވަނީ މަޖިލީހުގެ ދެވަނަ ދައުރުގެ މެދުތެރެއަށް ކަމަށްވުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ މަޖިލީހުގެ ދެވަނަ ދައުރުގެ ހިނގުން މޭ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

އަދި އެ ގަވާއިދު ގެ 24 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު ގައިވާ މަޖިލީހުގެ ތިންވަނަ ދައުރު އޮގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ހިނގާނެ ގޮތަށް ބަދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތަށް މި މާއްދާ އިޞްލާޙު ކުރުމުން މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް މަދުވި ނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތްކުރާ ދުވަސްތައް އިތުރުވެގެންދާނެކަމަށާއި، އަދި ޖުމްލަކޮށް މުޅި އަހަރު މަސައްކަތްކުރާ ދުވަސްތަކުގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ވަނީ މަޖިލިސް ގަވާއިދަށް ބަދަލު ގެނެސްފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ކޮންމެ އަހަރެއްގެ އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ ނިންމައިފައެވެ. އެހެންކަމުން ދިރާސާ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންނަށް ޗުއްޓީ ލިބޭނީ އަހަރުގެ ޖުލައި މަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.