ޢަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދެއްވާނެ މުދައްރިސުން އަވަށްޓެރި އިންޑިއާއިން ގެނެސްފައިވަނީ އެމާއްދާތައް ކިޔަވައިދޭން، ބޭނުންވާ މިންވަރަށް ދިވެހި މުދައްރިސުން ނުލިބިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ ކެރެލާއިން ވަނީ، އަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޖުމުލަ 10 މުދައްރިސުން ރާއްޖެ ގެނެސްފައެވެ. ކެރެލާއިން ވަނީ 5 ޢަރަބި މުދައްރިސުންނާއި 5، ޤުރުއާން މުދައްރިސުން ގެނެސްފައެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއިން މުދައްރިސުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިޢުލާންކޮށް މުދައްރިސުން ލިބިފައި ނުވާތީކަމަށެވެ. އަދި އެ މަޤާމުތަކަށް މުދައްރިސުން ހޯދުމަށް އެކި ޤައުމުތަކުގެ ހައިކަކޮމިޝަން ތަކުގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ އެހީތެރިކަމަށް އެދިފައެވެ. މިހާރު އައިސްފައިވާ ޓީޗަރުންނަކީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓުމަންޓް އޭޖެންސީ އެއްކަމަށް "ނޯކާ ރޫޓްސް" މެދުވެރިކޮށް 2020ވަނަ އހަރު ރެކްރޫޓްކޮށްފައިވާ މުދައްރިސުންކަމަށެވެ.
މި މުދައްރިސުން ރެކްރޫޓްކުރުރުމުގެކުރިން އެދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދައްކައި މުދައްރިސުންގެ ދަތިކަންހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މުދައްރިސުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުޞަތު ބިދޭސީ ޓީޗަރުންނަށް ދީފައިވާކަމަށާ، އެ މަޤާމްތަކަށް ރާއްޖޭގައި މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ. ދިވެހި މުދައްރިސެއް ލިބިއްޖެނަމަ އެ މަޤާމްތަކަށް ދިވެހިން ނަގާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ހުރިހާ ކަމެއް އިންޑިޔާގެ ސީދާ ނުފޫޒު ނެތްގޮތަކަށް ނުކުރާކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. ރާއްޖޭގައި ހިންގާ މަސައްކަތަކާއި، އެކި ކަންކަމުގައި އިންޑިޔާގެ ނުފޫޒު ވަނީ ގަދަވެފައެވެ. އަދި އިންޑިޔާގެ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާކަމުގެ ކަންބޮޑުވުން ކެނޑިނޭޅި ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ