ކޯވިޑް-19 އާ ގުޅިގެން މޮނީޓަރިންގ ހާލަތަށް ލާފައިވާ ރަށްތަކާއި، ގެސްޓް ހައުސް ނެތް ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ދަތުރު ކުރަން ހުއްދަ ދީފިއެވެ.
ކޯވިޑްގެ ހާލަތު ގޯސްވުމުން ފިޔަވަޅުތައް ހަރުކަށި ކުރީ މެއި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ މާލެ ސަރަހައްދުން އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް މަނާކުރި އެވެ. ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދަތުރު ކުރެވެނީވެސް ދެ ރަށު ކައުންސިލުން ހުއްދަ ދީގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ގެސްޓް ހައުސްތައް ނެތް ރަށްތަކާއި، މޮނީޓަރިންގގައި ނެތް ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުން ހުޅުވާލަން ނިންމާފައި ވާ ކަމަށެވެ.
އެހެން ނަމަވެސް މީގެ ކުރިންވެސް މޮނީޓަރިންގގައި އޮންނަ ރަށަކުން އަނެއް ރަށަށް ނުދެވޭ ގޮތަށް އޮންނަ އޮތުން އޮތީ ހަމަ އެގޮތަށެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށަކަށް އަރާ ނަމަ، އެ އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ހޯދަން ޖެހެއެވެ. އެހެންކަމުން މާލެ އިން ރަށްތަކަށް ދަތުރުކުރަން ބޭނުންވާ މީހުން އަދިވެސް ކަރަންޓީން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދަތުރެއް ވެސް ނުކުރެވޭނެއެވެ.
ކޮވިޑްގެ ހާލަތު ރަނގަޅުވާން ފެށުމުން މިރޭ ވަނީ ކާފިއު ވަގުތުވެސް ކުުރުކޮށްފައެވެ. ދެން ކާފިއު ހިންގާނީ އިރުއޮއްސި ހަޔަކުން ފަތިހު ހަތަރަކަށެވެ.
ކޮމެންޓު ފޮނުވާ