މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ނަފްރަތުގެ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނުލް އުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރަން ހުށަހެޅިފައިވާ ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅުއްވާފައިވާތީ އެމެނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ރައުޔު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި ޤާނޫނީ ވަކީލުންނާ މަޝްވަރާކޮށް އެ ބިލު ފާސްވެގެން އަންނައިރު ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދައުވަތު ފުޅާކުރުމަށް ހީނަރުކަމެއް ނާންނާނެ ގޮތަކަށް ފަރުމާ ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށެވެ.
މި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކުރެވިގެން ކަމަށާއި، އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، އިސްލާމް ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާފަދަ މާއްދާތައް އިސްލާހު ކުރުމާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެބިލުގައި ހިމެނުމުގެ މައްޗަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ޤާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި މި މިނިސްޓްރީން ދެކެން.
– އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބައެއްގައުމުތަކުން ނުވަތަ ޖަމާޢަތްތަކުން ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި ޣައިރު މުސްލިމުންވެސް ހިމެނޭގޮތަށް ހިންގާ ސުލްޙަވެރި ހަރަކާތްތަކަކީ ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމުގައި ވާތީ އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށް ވެސް މިނިސްޓްރީގެ ރައުޔުގައި ރިއާޔަތްކޮށްފައި ވާނެކަމަށް ވަނީ ބުނެފައެވެ.
މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމާއި، ތިމާއާއި ދެބަސްވާ ކޮންމެ މުސްލިމަކު ކާފަރުކުރުމާއި، އިސްލާމްދީނުގެ އިލްމުވެރިންނާއި އެނޫންވެސް މުސްލިމުންގެ ބޮލުގައި ދޮގުއިލްޒާމު އެޅުވުމާއި އެކިބާވަތުގެ ވާދަވެރިކަމުގައި ފިތުނަފަސާދަ އާއި ނަފުރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. އަދި އެފަދަ އެއްވެސް ޢަމަލަކީ މި މިނިސްޓްރީން ބަލައިގަނެ ތަރުހީބު ދޭނޭކަންކަމެއް ނޫންކަމަށްވެސް މިބަޔާނުގައިވެއެވެ.
އިސްލާމް ދީނާ ގުޅުންހުރި މިފަދަ މުހިންމު ބިލެއް ފާސްކޮށް ޤާނޫނަކަށް ވުމުގެކުރިން ރައްޔިތުންގެ މަޖިލީހުން މި މިނިސްޓްރީގެ ރައުޔު އޮޅުންފިލުއްވުމަކީ އެ މަޖިލީހުން ކުރެއްވި ރަނގަޅު ކުމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކުރާކަމަށާއި، އަދި މި ބިލު ޤާނޫނަކަށްވެގެން އަންނައިރު ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ލަފާފުޅަށް ބިނާކޮށް މި މިނިސްޓްރީން ހުށަހެޅި ހުރިހާ އިސްލާހުތައް އޭގައި ހިމަނު މިނިސްޓްރީން ޔަޤީންކުރާކަމަށް މިބަޔާނުގައި ބުނެފައެވެ.
ކޮމެންޓު ފޮނުވާ