ރާއްޖޭގެ މުޖުމުތަމައުގައި ޤާތިލުންގެ އަނިޔާވެރިކަން ވަނީ ހައްދުފަހަނާޅާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައި އެއްލާލި ހާދިސާއާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައި އިންތި ވިދާޅުވީ މިއަދު ޤާތިލުންގެ އަނިޔާވެރިކަން މިޖުތަމައުގައި ހައްދު ފަހަނައަޅާފައިވާކަމަށެވެ. މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގައި ޝާމިލުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަމަށް އިންތި ވިދާޅުވިއެވެ.
ފުރިހަމަ ޖިނާއީ ތަޙުޤީޤަކުން މި ކުއްޖާގެ މަރުގެ މޯޓިވް އާއި އެންމެހައި ސަބަބުތައް ދެނެގަނެ، މުޖުރިމުންނަށް ޙައްޤު އަދަބު ލިބޭނޭގޮތަށް ފަރުވާތެރި ތަޙްޤީޤެއް އަވަސް މިނުގައި ކުރެވޭނޭ ކަމަށް އުއްމީދު ކުރަން. ޤާތިލުންގެ އަނިޔާވެރިކަން މިވަނީ ހައްދުފަހަނާޅާފައި!
– އިންތި ވިދާޅުވިއެވެ.
13 އަހަރުގެ ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.
ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ އެންމެ ކުޑައިރުން ފެށިގެންވެސް ދިރިއުޅެމުންދިޔައީ އާއިލާއާއެކު މާލޭގައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ