މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ކުއްޔަކު ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން ނޭދުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ފުލުހުންނަށް އާމާޒުކޮށް ޝިޔާމް އާއި ޝުޖާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން މީހަކު ގެއްލުމުން ފުލުނުން އާންމުންގެ އެހީތެރިކަމަށް އެދޭކަމަށެވެ. ނަމަވެސް މިމައްސަލާގައި ފުލުނުން އާންމުންގެ އެހީއަށް ނޭދުނީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ.
ޝުޖާ ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ޤައުމު އޮތް ނުރައްކާތެރި ހާލަތު ވަޒަން ކުރެވޭކަމަށެވެ. މިކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި އެއްދުވަހުން އަނެއް ދުވަހަށް ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާދާ ކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަޙައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަޙްޤީޤު ޓީމުން ވަނީ ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ