ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަޤާމުގެ ޝަރުޠު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަޤާމުގެ ޝަރުޠު ހަމަވާނެއެވެ.
އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮވެ، މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ. ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/9300 ރުފިޔާ އަދި ގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަޤާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ކޮމިޝަނުގެ ވެބްސައިޓުގެ https://www.csc.gov.mv/dv/types/usoolu މިލިކުގައި ވަނީ ހިމަނާފައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން މަޤާގާމަށް އެދުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ